
މާލެއިން މީހަކު ޕޮޒިޓިވްވުމާއެކު މުޅި މާލެ ސަރަަހައްދު ބަންދުކުރި އެވެ. މާލެއަށް އަރައި ފޭބުން އަދިވެސް މަނަ އެވެ. އެކަމަކު މީހަކު ޕޮޒިޓިވްވި ހަބަރު އިވުމާއެކު މާލޭއިން ފޭބުމަށް މީހުން އަވަސްވެ ގަތް މަންޒަރު ފެނިގެންދިޔައިރު އެކަމުގެ ނަތީޖާ ވެސް ހިއްޗެވެ. މާލެއިން ފުރައިގެން ދިޔުން ރައްކާތެރި ނޫން ކަމަށާއި ތިމާއަކީ ބަލި ހިފައިގެން ރަށަށްދާ މީހާއަށް ވެދާނެ ކަމަށް ބުނެ އެތައް އިންޒާރެއް ދެމުންދިޔަސް މި އާދޭސްތަކުގައި ޖެހީ ކޮޅުފައިންނެވެ.
ނަތީޖާއަކަށްވީ މާލެއިން ބަލި ޖެހޭ މީހުންގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައިވަނިކޮށް އަތޮޅު ތެރޭގެ ރަށްތައް ވެސް ބޮޑު ބިރުވެރިކަމެއްގެ ތެެރެއަށް ވެއްޓުމެވެ. ލޮކްޑައުނަކަށް ދިޔަ ފަހުން މާލެއިން ފުރައިގެން ދިޔަ ބައެއް ބޯޓުތަކުގެ މީހުންނާ އެކު ބޯޓުގައި ދަތުރުކުރި މީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ ވަނީ ކަރަންޓީންކޮށްފަ އެވެ.
މާލެއަށް ބަލާއިރު މާލެއިން އެންމެ ފުރަތަމަ ޕޮޒިޓިވްވި މީހާއަކީ ރާއްޖެއިން މި ބަލި ޖެހުނު 21 ވަނަ މީހާ އެވެ. އޭގެ ކުރިން މި ބަލި އުޅުނީ ރިސޯޓުތަކުގައި ނަމަވެސް 21 ވަނަ މީހާ ޕޮޒިޓިވްވުމާއެކު ފެނިގެންދިޔައީ ބަލި ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރުވެގެންދިޔަ ތަނެވެ. މިއަދު މަހެއް ވެގެންދިޔައިރު އެ ކޭސްއަށް ފަހު މާލެއިން މިވަނީ 962 މީހަކަށް ބަލި ޖެހިފަ އެވެ. މިއީ ދުވާލެއްގެ މައްޗަށް 32 މީހަކު ޕޮޒިޓިވްވުމެވެ.
ކުޑަ ތަންކޮޅެއްގެ ތެރޭގައި އެތައް ބިދޭސީންނެއް:
މާލޭގައި ބަލި ފެތުރެން ދިމާވި އެންމެ ބޮޑު ސަބަބަކަށްވީ ޒަމާނުއްސުރެ ހައްލު ނުވެ އޮތް ބިދޭސީންގެ މައްސަލަ އެވެ. އެއް ކޮޓަރިއެއްގެ ތެރޭގައި ވިހި ތިރީސް ބިދޭސީން ދިރިއުޅެމުން އަންނަކަމީ ދިވެހިންނަށް މިއޮތްހާ ދުވަހު ނޭނގި އޮތް ކަމެއް ނޫނެވެ. އެކަމަކު އިންސާނިއްޔަތު ކަމުގެ ރަހުމެއް ނެތް ބައެއްގެ މުށުދަށުުވެ އުޅެން ޖެހިފައިވާ ބިދޭސީންނަށް މި ނޫން ގޮތެއް ނެތް ކަމަށް ހިތައި އެގޮތަށް ދިރިއުޅެމުން އަންނައިރު ބަލީގެ ނުރައްކާ ބޮޑުވެ މިއަދު ސަރުކާރުން އަންނަނީ މާލޭގެ ތޮއްޖެހުން ހައްލުކުރުމަށް ގުޅީފަޅާއި ހުޅުމާލެ އަދި ވިލިވަރުގައި ވެސް ފެސިލިޓީތައް ގާއިމުކޮށް އެމީހުން އެތަންތަނަށް ބަދަލުކުރަމުންނެވެ.
ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން އެމީހުން މާލެއިން ބޭރުކުރުމަކީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޅިފައިވާ ރަނގަޅު ފިޔަވަޅެއް ކަމަށް ސަރުކާރުން ދެކެ އެވެ. ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަން ފުލުހުން ވެސް މޮނިޓާކުރަމުން އަންނައިރު މި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދެ އެވެ.
މިގޮތަށް ޓެސްޓް ކުރި ތަނަކުން އެއް ތަނަކުން 95 ބިދޭސީން ޕޮޒިޓިވްވިއިރު ތޮއްޖެހިގެން މިގޮތަށް އުޅުމުގެ ނުރައްކާ ވަރަށް ބޮޑަށް އެނގިގެންދެ އެވެ.
ރާއްޖެއިން މިހާތަނަށް ޕޮޒިޓިވްވި 982 މީހުންގެ ތެރޭގައި އެންމެ ގިނައީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންނެވެ. އެގޮތުން 514 އަށް ވުރެ ބަންގްލަދޭޝް މީހުންނަށް މި ބަލި ޖެހިފައިވާއިރު ދިވެހިންގެ ތެރެއިން ބަލި ޖެހުނީ 321 އެއްހާ މީހުންނަށެވެ.
ރާއްޖެއަށް ވުރެ ކުރިން މި ބަލި ފެތުރެން ފެށި އަވަށްޓެރި ސްރީލަންކާގެ ހާލަތަށް ބަލާއިރު އެގައުމުގައި ވެސް ރާއްޖެއަށް ވުރެ ޕޮޒިޓިވްވި މީހުންގެ އަދަދު މަދެ އެވެ. ޖުމްލަ ޕޮޒިޓިވްވި މީހުންގެ އަަދަދު އެގައުމުގައި އުޅެނީ 925 ގަ އެވެ. އަދި ބަލިން ރަނގަޅުކުރެވުނު މީހުންގެ އަދަދު ވެސް އުޅެނީ 445 ގަ އެވެ.
ލަފާކުރި ވަރުގެ ބިޔަ ސާޖެއް ނާދެ، ފިޔަވަޅުތަކަށް ބޯލަނބާނަމަ މިއަށް ވުރެ ތިރިކުރެވޭނެ!
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު، ޑރ. ޝީނާ މޫސާ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އެއްވެސް ފިޔަވަޅެއް ނާޅާއި ދޫކޮށްލައިފިނަމަ އަދި ފިޔަވަޅުތައް އަޅައިފިނަމަ ހާލަތަށް އަންނާނެ ބަދަލުތައް ވަރަށް ތަފްސީލުކޮށް ހިއްސާކުރައްވާފަ އެވެ.
ރާއްޖެއިން ކޮވިޑް-19، 98000 މީހުންނަށް ޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ ހާލަތު އެންމެ ގޯސްވާ ދަނޑިވަޅުގައި 43000 މީހުންނަށް ވެންޓިލޭޓަރުގައި ފަރުވާދޭން ޖެހޭނެ ކަމަށް ޑރ. ޝީނާ ވިދާޅުވެ އެވެ.
މިމަހުގެ ފަހުކޮޅު ރާއްޖެއިން ކޭސްތައް ފެންނަ މިންވަރު އިތުރުވާނެ ކަމަށް ލަފާކޮށްފައިވީނަމަވެސް ހީކުރިވަރުގެ ސާޖެއް އަދި ނުފެނެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ ލޮކްޑައުނަކީ ސާޖް އެންމެ ބޮޑަށް ތިރިކޮށްލެވޭނެ އެއް ފިޔަވަޅު ކަމަށެވެ. މި ފިޔަވަޅުގެ ސަބަބުން ސާޖް އަންނާނެ ކަމަށް ހީކުރި މިންވަރަށް ނާންނަކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ޑރ. އަފްޒަލް ވިދާޅުވީ ޓެސްޓިން ކެޕޭސިޓީ މަދުވިނަމަވެސް ކޮވިޑް-19 ގެ ކޭސްތައް ގިނަވެ، ސާޖެއް އަޔަސް އެނގޭނެ ކަމަށެވެ. ސާޖެއް އައިސްފި ނަމަ ފުލޫ ކްލިނިކަށް ދާ މީހުންނާއި ސާރީ ކޭސްތައް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.
މި އަދަދުތައް މައްޗަށް އަރައިގެންދިޔަ ނުދީ ހިފެހެއްޓުމުގައި ފަރުދީ ގޮތުން ކުރެވޭނެ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. ގިނަ މީހުން އުޅޭ ތަންތަނަށް ނުދިއުމާއި ބޭރަށް ކޮންމެހެން ދާން ޖެހިގެން ނޫން ގޮތަކަށް ނުދިއުން ހިމެނެ އެވެ. އަދި ބޭރަށް ދާނަމަ މާސްކް އަޅައިގެން ދިއުމުގެ އިތުރުން ބޭރުގައި އުޅުމަށް ފަހު އަންނަ ގޮތަށް ފެންވަރައި ބޭރަށް ދިއުމަށް ލީހެދުން ދޮވުމަކީ ވެސް މި ބަލިމަޑުކަމުން އަރައިގަތުމަށް ފަރުދީ ގޮތުން ކުރެވިދާނެ ކަމެކެވެ.