ޕްރިންސެސް އެސްޓްރިޑް އަވަހާރަވެފައިވަނީ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ވަރަށް އަމާންކަމާ އެކު ކަމަށް ގަނޑުވަރުން ބުނެފައިވާއިރު، މިއީ އެ ގައުމުގެ ރަސްގެފާނު އަވަހާރަވުމާ ގުޅިގެން މުޅި ގައުމު ހިތާމަ ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ލިބުނު އިތުރު ހިތާމައެކެވެ.
އޭނާ އަވަހާރަވެފައި މިވަނީ، އޭނާގެ ހަގު ކޮއްކޯފުޅު އަދި ނޯވޭގެ ކުރީގެ ރަސްގެފާނު ހެރަލްޑް 5 ވަނަގެ ރަސްމީ ޖަނާޒާގައި ބައިވެރިވެވަޑައިގެންނެވިތާ އެންމެ ދެ ދުވަސް ފަހުންނެވެ. އުމުރުފުޅުން 89 އަހަރުގައި ރަސްގެފާނު ހެރަލްޑް އަވަހާރަވެފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު އޮސްލޯގައެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝާހީ އާއިލާގެ ދެ އިސް ބޭފުޅުން ވަކިވެދިޔުމުން މުޅި ނޯވޭއަށް ވަނީ ފުން ހިތާމައެއް ވެރިވެފައެވެ.
ޕްރިންސެސް އެސްޓްރިޑަކީ ގިނަ އަހަރުތަކެއް ވަންދެން ގައުމީ އަދި ޝާހީ ހިދުމަތުގައި ވަރުބަލިކަމެއް ނެތި ދެމިހުންނެވި ކަނބަލެކެވެ. އެގޮތުން، އޭނާގެ މަންމާފުޅު ކްރައުން ޕްރިންސެސް މާރތާ އަވަހާރަވުމާ ގުޅިގެން، 1954 ވަނަ އަހަރުން ފެށިގެން 1968 ވަނަ އަހަރާ ހަމައަށް ނޯވޭގެ ފަސްޓް ލޭޑީގެ މަގާމު އަދާކުރައްވައި، ރަސްމީ ގިނަ ޒިންމާތަކެއް އޭނާ ވަނީ އުފުއްލަވާފަ އެވެ.
އާ ރަސްގެފާނު ހާކޮން 8 ވަނަ، އޭނާގެ ބޮޑުދައިތާފުޅުގެ ހަނދާންތައް އާކުރައްވަމުން ވިދާޅުވީ، ޕްރިންސެސް އެސްޓްރިޑަކީ އޯގާތެރިކަމާއި، ވަފާތެރިކަމާއި، އަދި ގައުމީ ވާޖިބަށް އިސްކަންދެއްވި ނަމޫނާ ބޭފުޅެއް ކަމަށެވެ. އަދި ހާއްސަކޮށް މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ނިކަމެތި ފަރާތްތަކަށް އެހީވުމުގައި އޭނާ ދެއްކެވި ސާބިތުކަމަކީ އަބަދުވެސް ހަނދާންކުރަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޕްރިންސެސް އެސްޓްރިޑް އަވަހާރަވުމާ ގުޅިގެން ޝާހީ ގަނޑުވަރުންނާއި އާންމުން އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ. އޭނާގެ ޖަނާޒާގެ ކަންކަން ރަސްމީ އިއްޒަތުގައި ކުރިއަށް ގެންދިއުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނައިރު، ގައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ ތައުޒިޔާ ފޮނުވަމުންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;