ހުރުން އިންޑިއާ ރިޗް ލިސްޓު 2026 ދައްކާ ގޮތުން، ޝާހްރުކްގެ މިލްކިއްޔާތުގެ އަގު މިހާރު ހުރީ 10،000 ކްރޯޑު ރުޕީސްގައެވެ. މިއީ މިދިޔަ އަހަރު އޭނާގެ މިލްކިއްޔާތުގައި ހުރި 12،490 ކްރޯޑު ރުޕީސްއާ އަޅާބަލާއިރު 2،490 ކްރޯޑު ރުޕީސްގެ ދަށްވުމެކެވެ.
މިލްކިއްޔާތަށް ބޮޑު ދަށްވުމެއް އައި ނަމަވެސް، މުނިފޫހިފިލުވުމުގެ ދާއިރާގެ އެހެން ތަރިންނާ އަޅާބަލާއިރު ޝާހްރުކް އަދިވެސް އުޅެނީ މާ ކުރީގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އަމީތާބް ބައްޗަން އާއި ސަލްމާން ހާން އަދި ރިތިކް ރޯޝަންގެ ޖުމްލަ މިލްކިއްޔާތު އެއްކޮށްލުމުން ވެސް ޝާހްރުކްގެ އެކަނި މިލްކިއްޔާތަށް ވުރެ 500 ކްރޯޑު ރުޕީސް މަދެވެ. މި ލިސްޓުގައި ދެވަނައިގައި އުޅޭ އަމީތާބް ބައްޗަންގެ މިލްކިއްޔާތަކީ 4،000 ކްރޯޑު ރުޕީސް ކަމަށްވާއިރު، ސަލްމާން ހާންގެ މިލްކިއްޔާތަކީ 3،000 ކްރޯޑު ރުޕީސްއެވެ. އަދި ރިތިކް ރޯޝަންގެ މިލްކިއްޔާތުގައި ހުރީ 2،500 ކްރޯޑު ރުޕީސްއެވެ.
ޝާހްރުކް ހާން ބިލިއަނަރެއްގެ ދަރަޖައިގައި ދެމިހުރުމުގެ އެންމެ ބޮޑު ސިއްރަކީ ފިލްމު ކުޅެގެން ލިބޭ އާމްދަނީއަށް ވުރެ ބޮޑަށް އޭނާގެ ކޯޕަރޭޓް ހިއްސާތަކާއި ވިޔަފާރިތައް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން އޭނާގެ ފިލްމު އުފައްދާ ކުންފުނި ކަމަށްވާ ރެޑް ޗިލީޒް އެންޓަޓެއިންމަންޓާއި ކްރިކެޓް ފްރެންޗައިޒް ކުންފުނި ނައިޓް ރައިޑާސް ސްޕޯޓްސް އަކީ އޭނާގެ މުއްސަނދިކަމުގެ މައިގަނޑު ތަނބުތަކެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު ޝާހްރުކްގެ މިލްކިއްޔާތު 20 ޕަސަންޓު ދަށްވާން ދިމާވި ސީދާ ސަބަބެއް ހުރުން އިންޑިއާ ރިޗް ލިސްޓުގައި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ އަގުބޮޑު ގެ ކަމަށްވާ މަންނަތުގެ އަގު 300 ކްރޯޑު ރުޕީސްއަށް އަރާއިރު، އެއީ އޭނާގެ ޖުމްލަ މިލްކިއްޔާތުގެ އެންމެ 3 ޕަސަންޓު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ މަސައްކަތްތަކަށް ބަލާއިރު، ޝާހްރުކް ހާން ދެން އެންމެ އަވަހަށް ފެނިގެންދާނީ އަންނަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރާ ފިލްމު ކިންގް އިންނެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ މި ފިލްމުގައި ޝާހްރުކްއާ އެކު އޭނާގެ ދަރިފުޅު ސުހާނާ ހާން ވެސް މުހިންމު ރޯލަކުން ފެނިގެންދާނެ އެވެ.