ads
އައުގްސްބަރގްގެ ކޯޗު ހެއީކޮ ހެއިލީ
ކަރަންޓީނު އުޞޫލާ ޚިލާފަށް ދަތްއުނގުޅާ ބޭސްފުޅިއެއް ގަންނަން ގޮސްގެން ސަސްޕެންޑް
ކަރަންޓީނު އުޞޫލާ ޚިލާފަށް ދަތް އުނގުޅާ ބޭސްފުޅިއެއް ގަންނަން ދިޔަ މައްސަލައިގާ ޖަރުމަންގެ ބުންޑަސްލީގާގެ އެފްސީ އައުގްސްބަރގްގެ ކޯޗަކަށް، ޓީމު ބެންޗަށް ނުދެވޭ ގޮތަށް ސަސްޕެންޑް ވެއްޖެއެވެ. އައުގްސްބަރގްގެ ފުރަތަމަ މެޗު މާދަމާ އޮންނާނެއެވެ.
Advertisement

ޖަރުމަންގެ ލީގުގެ ކުޅުން އަލުން މާދަމާ ފަށާއިރު، އައުގްސްބަރގްގެ ކޯޗު ހެއީކޮ ހެއިލީއަށް ބެންޗަށް ނުދެވޭ ގޮތަށް ދިމާވީ، ކަރަންޓީނުގެ އުޞޫލާއި ޚިލާފަށް ދަތް އުނގުޅާ ބޭސްފުޅިއެއް ގަންނަން ދިޔުމުގެ ސަބަބުންނެވެ. މާދަމާ ލީގު ފެށުމަށް ހަމަ ޖެހިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ހުރިހާ ޓީމެއްވެސް ތިބީ ކަރަންޓީނުކޮށްފައެވެ. އަދި ކަރަންޓީނު ކޮށްފައިވާ ހޮޓާތަކުން ޓީމެއްގެ އެއްވެސް މެންބަރަކު ނުކުތުންވަނީ މަނާކޮށްފައެވެ. މި އުޞޫލާއި ޚިލާފަށް، އައުސްބަރގްގެ ކޯޗު ހެއީކޮ ހެއިލީ، އެ ޓީމު ކަރަންޓީނުކޮށްފައި ތިބި ހޮޓަލާ ކައިރި ސުޕަމާކެޓަކަށް ދިޔުމުން އޭނާއަށް ފުރަތަމަ މެޗު ގެއްލުނީއެވެ. ހެއީކޮ ހެއިލީވަނީ ފަހުން، އޭނާއަށް ހެދުނީ ވަރަށް ބޮޑު ގޯހެއްކަން ގަބޫލުކުރާކަމަށް ބުނެފައެވެ.

އަހަރެންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއް. އެކަމަކު އަހަރެން ދަތް އުނގުޅާ ބޭސްފުޅިއެއް ގަންނަން ދިޔައީ ރައްކާތެރިކަމުގެ ގޮތުން އަންގިލައްވާ އަދި މާސްކްވެސް އަޅައިގެން. އެކަމަކުވެސް އަހަރެންނަކީ ހުރިހާ ކުޅުންތެރިންނަށް ނަމޫނާއަކަށް ވާން ޖެހޭ މީހެއްގެ މަގާމުގައި ހުރެ އަހަރެންނަށް ހެދުނީ ވަރަށް ބޮޑު ގޯހެއް.

ލީގުގެ ކުޅުން މާދަމާ އަލުން ފަށާއިރު، އައުސްބަރގް ނުކުންނާނީ ވޮލްސްބަރގާއި ދެކޮޅަށެވެ. މި މެޗު ފެށޭނީ ރާއްޖޭ ގަޑިން އިރުއޮއްސި ހަ ގަޑި ބައިގައެވެ. އައުގްސްބަރގްގެ ކޯޗު ހެއީކޮ ހެއިލީއާ ނުލައި އެ ޓީމު މި މެޗަށް ނުކުންނައިރު، ޓީމު މި ވަގުތު އޮތީ ލީގުގެ ސާދަވަނަ މަގާމުގައެވެ. ލީގު މެދު ކަނޑާލުމުގެ ކުރިން ކުޅުނު ފަންސަވީސް މެޗުން އައުގްސްބަރގަށް ލިބިފައިވަނީ ހަތާވީސް ޕޮއިންޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް