މެންހެޓަން ގްރޭންޑް ހޮޓެލްގައި ބޭއްވި މި އިވެންޓްގައި، ކުންފުންޏަށް ދިގު މުއްދަތަކަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވި މުވައްޒަފުންނާއި، ވޭތުވެދިޔަ އަހަރު ފާހަގަކޮށްލެވޭ ފަދަ މޮޅު މަސައްކަތްތަކެއް ކުރި ފަރާތްތަކަށް ވަނީ އެވޯޑު ހަވާލުކޮށްފަ އެވެ.
އެގޮތުން، 12 ކެޓަގަރީއަކުން 40 މުވައްޒަފަކު އެވޯޑް ހާސިލުކުރިއިރު، ދިގު މުއްދަތަށް ހިދުމަތްކޮށްފައިވާ 69 މުވައްޒަފަކަށް ވަނީ ހިދުމަތުގެ އަގުވަޒަންކުރުމުގެ އެވޯޑު އަރުވާފަ އެވެ.
މި ހަފްލާގައި މުވައްޒަފުންނަށް އެވޯޑްތައް ހަވާލުކޮށްދެއްވީ ހަފްލާގެ ޝަރަފުވެރި މެހުމާނު، ކުންފުނީގެ ބޯޑުގެ އެކްޓިންގ ޗެއާޕަސަން އައިޝަތު ރޫޙީ އާއި، މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީގެ އިތުރުން ޑިރެކްޓަރުންގެ ބޯޑާއި ސީނިއާ މެނޭޖުމަންޓް ޓީމުގެ ބޭފުޅުންނެވެ.
ކުންފުނިން ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ 'ޗެއާޕަރސަންސް އެވޯޑް ފޯރ އެކްސެލެންސް' މި އަހަރު ހާސިލުކުރެއްވީ އެމްޑަބްލިޔުއެސްސީގެ ސީނިއާ އިލެކްޓްރިކަލް އިންޖިނިއާ އާސިފް ހަސަން ޖަނާހް މޫސާ އެވެ.
ރަސްމިއްޔާތުގެ ތެރެއިން މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވަނީ "ވަން އެމްޑަބްލިޔުއެސްސީ" ގެ ނަމުގައި ހާއްސަ އިނީޝިއޭޓިވްއެއް ރަސްމީކޮށް އިފްތިތާހްކޮށްދެއްވާފަ އެވެ.
އެމްޑަބްލިޔުއެސްސީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމުގެ ތެރެއިން
އަދި ވޭތުވެދިޔަ އަހަރަކީ މުވައްޒަފުންގެ ތަމްރީނާއި ތަރައްގީއަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދެވުނު އަހަރެއްކަން ފާހަގަކުރައްވައި، ކުރު އަދި ދިގު މުއްދަތުގެ ސްކޮލަރޝިޕްތަކާއި، ދުޅަހެޔޮ މަސައްކަތުގެ މާޙައުލެއް ގާއިމުކުރުމަށް ކުރެވުނު މަސައްކަތްތަކަށް އަލިއަޅުއްވާލެއްވި އެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ ހިދުމަތަކީ ރައްޔިތުންގެ ދިރިއުޅުމާ ގުޅިފައިވާ އަސާސީ ހިދުމަތަކަށްވާތީ، ރައްޔިތުންނަށް މެދުކެނޑުމެއްނެތި މި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ކެނޑިނޭޅި ތަރައްގީކުރަމުން އަންނަކަމުގެ ޔަގީންކަން ވެސް އެމްޑީ ވަނީ ދެއްވާފަ އެވެ.