ޔުނިވަސިޓީ އޮފް މިޝިގަންގެ ފަލަކީ މާހިރުން އިސްނަގައިގެން ހައްބަލް ސްޕޭސް ޓެލެސްކޯޕް ބޭނުންކޮށްގެން ކުރި އާ ދިރާސާތަކުން ވަނީ އެސްޓްރޯފިޒިކްސްގެ މުހިންމު ނަޒަރިއްޔާއަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިކުރުވައިފަ އެވެ.
މި ދިރާސާއިން ދައްކާ ގޮތުގައި ގަލެކްސީތަކުގައި ގޮވާ ތަރިތަކުގެ ސަބަބުން އުފެދޭ "ގަލެކްޓިކް ވިންޑްސް" ނުވަތަ ވައިގެ އޮއިވަރުތަކުގެ ސަބަބުން ގަލެކްސީތަކުން އަލްޓްރާވަިއޮލެޓް (ޔޫވީ) ރޭޑިއޭޝަން ބޭރުވުމަށް އެހީތެރިވުމުގެ ބަދަލުގައި، އެ ރޭޑިއޭޝަން ބޭރުވިޔަނުދީ ހުރަސްއަޅަ އެވެ. މިއީ ވޭތުވެދިޔަ 30 އަހަރު ދުވަހު ސައިންސްވެރިން ގަބޫލުކުރަމުން އައި ގޮތާ މުޅިން ހިލާފު ހޯދުމެކެވެ.
ކާއިނާތު އުފެދުނު ކުރީކޮޅު، ކާއިނާތު ނިވާކޮށްފައިވާ ހައިޑްރޮޖަން ފޮގް ސާފުވެގެން ދިޔަ ގޮތާ ބެހޭ ގޮތުން އިލްމުވެރިން ކުރިން ގަބޫލުކުރީ ތަރިތައް ގޮވުމުން އުފެދޭ ވައިގެ އޮއިވަރުތަކުގެ ސަބަބުން އަލްޓްރާވަިއޮލެޓް ރޭޑިއޭޝަން ބޭރުވުމަށް މަގުފަހިވާ ކަމަށެވެ. ނަމަވެސް ހައްބަލް ޓެލެސްކޯޕުން ކުރި އާ އޮބްޒަވޭޝަންތަކުން ސާބިތުވީ، މި ވައިގެ އޮއިވަރުތަކުން ޔޫވީ ރޭޑިއޭޝަން ގަލެކްސީތަކުން ބޭރުވިޔަނުދީ ހުއްޓުވާ ކަމެވެ.
މިޝިގަން ޔުނިވަސިޓީގެ ފަލަކީ މާހިރުންގެ މި ހޯދުމުގެ ސަބަބުން، ކާއިނާތުގެ ކުރީގެ ތާރީޚާއި، ހައިޑްރޮޖަން ފޮގް ސާފުވި ގޮތާމެދު ސައިންސްވެރިން ދެކޭގޮތް އަލުން މުރާޖާއާ ކުރަން ވަނީ ޖެހިފަ އެވެ.