އީސީން ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީތައް ވުޖޫދުވެ، ޕާޓީތަކަށް މެންބަރުން ވެއްދުމުގެ މަސައްކަތް ފެށުނީއްސުރެ ހުއްޓުމެއް ނެތި އާންމުންނާއި ސިޔާސީ ޕާޓީތަކުގެ ފަރާތުން ލިބެމުންދިޔަ އެންމެ ބޮޑު ޝަކުވާއަކީ، މީހުންނަށް ނޭނގި އޮޅުވާލައިގެން ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީތަކުން މެންބަރުން ވަކިކުރުމުގެ މައްސަލަކަމަށެވެ.
އެ މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށްޓަކައި، އެކި ދުވަސްވަރު މަތިން ސިޔާސީ ޕާޓީތަކާއި ކަމާގުޅުންހުރި އެކިއެކި އިދާރާތަކާ ގުޅިގެން މަޝްވަރާކުރެވި، އެއިރެއްގެ ހާލަތާ ގުޅޭގޮތުން ގިނަގުނަ އިސްލާހީ ބަދަލުތައް ގެނެސްފައިވާކަމަށް އީސީން ބުނެ އެވެ.
އެގޮތުން، ޕާޓީތަކުގެ މެމްބަރު ޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތައާރަފްކުރެވުމާއެކު، މި ނިޒާމު ވެގެން ގޮސްފައިވަނީ އާންމު ރައްޔިތުން ބަލައިގަންނަ، ނުހަނު އިތުބާރު ހުރި އަދި ދެފުށް ފެންނަ ނިޒާމަކަށްކަމަށް އީސީން ބުނެ އެވެ.
މިހާރު ޤާއިމުކުރެވިފައިވާ ނިޒާމުގެ ދަށުން، ކޮންމެ ރައްޔިތަކަށްވެސް އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް، ފުރިހަމަ އިހްތިޔާރުގައި ބޭނުން ވަގުތެއްގައި ސިޔާސީ ޕާޓީއަކަށް ވަނުމާއި ޕާޓީން ވަކިވުމުގެ ފުރުސަތު ވަނީ ފަހިކޮށްދެވިފައިކަން އީސީން ފާހަގަކުރެއެވެ.
މިފަދަ ރައްކާތެރި ނިޒާމެއްގެ ތެރެއިން ކަންކަން ހަމަޖެހިފައިވާއިރު، އެއްވެސް ފަރާތަކަށް ނޭނގި ޕާޓީން ވަކިކުރުމަކީ ނުވަތަ އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ ކޮމިޝަނަށް އަދި އެހެން އެއްވެސް ފަރާތަކަށް ކުރެވޭ ގޮތަށް އޮތް ކަމެއް ނޫންކަމަށް އީސީން ވަނީ ބުނެފަ އެވެ.
" ކަން މިހެން އޮތް ނަމަވެސް، ހަޤީޤަތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެމްބަރު ޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް މި ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ. "
އީސީން ވަނީ ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށާއި، ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގުމަށް މި ކޮމިޝަނުން ނަސޭޙަތްތެރިވެ އިލްތިމާސްކުރާކަމަށްވެސް އީސީން ވަނީ ބުނެ ފައެވެ.