މާޗު މަހު މެދެއްހާ ހިސާބުގައި މުޅި ދުނިޔޭގައި ފުޓްބޯޅައިގެ ހުރިހާ ހަރަކާތެއް ހުއްޓުނީ ހަލުއިކަމާއި އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެންނެވެ. އޭގެ ފަހުން އަލުން ފުޓްބޯޅަ މިއަދު ފެށޭއިރު މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނީ ޔޫރަޕުން ޖަރުމަން ލީގަށެވެ. ރާއްޖެ ގަޑިން މިރޭ ހަ ގަޑި ބައިގަ ޖަރުމަނު ލީގުގެ މެޗުތައް އަލުން ފެށިގެންދާނީ މުޅިން އާ ގޮތަކަށެވެ. ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކަކާއި، އަދި ސަޕޯޓަރުން ދަނޑަށް ނުވައްދަ އެވެ. މީގެ ކުރިންވެސް ސަޕޯޓަރުން ނުވައްދާ މެޗުތައް ކުޅެފައިވީނަމަވެސް، ބަލިމަޑު ކަމަކާއި ހުރެ ރައްކާތެރިކަމުގެ ގޮތުން މިއީ ސަޕޯޓަރުން ނުވައްދާ އެ ގޮތަށް ކުޅޭ މުޅިން އާ ފުޓްބޯޅައެކެވެ.
ޖަރުމަނުގެ ބުންޑަސް ލީގާ އަލުން މިއަދު ފަށާއިރު، އެ ގައުމުން ކޮވިޑް-19 ގެ އަސަރު އެއް ލައްކަ ހަތްދިހަ ހާސް މީހުންނަށްވަނީ ކޮށްފައެވެ. އޭގެ ތެރެއިން ހަތް ހާހެއްހާ މީހުންވަނީ އެ ބަލީގައި މަރުވެފަ އެވެ. ކަން އެހެން އޮތުމުން، ބުންޑަސްލީގާގެ ކުޅުން އަލުން މިއަދު އެ ފެށެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު ގާތުން މޮނީޓާކުރުމުންދާ ހާލުގަ އެވެ. އަދި ބުންޑަސް ލީގާގެ ތަޖުރިބާ ވެގެންދާނީ ޔޫރަޕުގެ އެހެން ގައުމުތަކުން ފުޓްބޯޅަ އަލުން ފަށަން ކުރަމުންދާ މަސައްކަތްތަށް ލިބޭ ތަޖުރިބާގެ ފިލާވަޅަކަށް ކަމަށް ޖަރުމަނުގެ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެކެ އެވެ.
ފުޓްބޯޅައިގެ ދުނިޔޭގައި މުޅިން އަލަށް އެ ކުރާ ތަޖުރިބާ ވެގެންދާނީ ތަފާތު ތަޖުރިބާއަކަށެވެ. ޖަރުމަނުގައި ބުންޑަސްލީގާގެ މެޗެއްގައި އެވްރެޖްކޮށް ސާޅީސް ހާސް މީހުންނަށްވުރެ ގިނައިން ސްޓޭޑިއަމަށް ވަދެ އެވެ. އެކަމަކު މިއަދު އަލުން ފަށާއިރު ދަނޑަށް ވަނުމަށް ހުއްދަ ލިބޭނީ ގިނަ ވެގެން ތިން 322 މީހުންނަށެވެ. އެއީ ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ހިމެނޭ ގޮތަށެވެ. ދަނޑަށް ވަނުމަށް ހުއްދަ ދެވޭ ހަމައެކަނި ބަޔަކީ ފޮޓޯގްރާފަރުން ހިމެނޭ ގޮތަށް ނޫސްވެރިންނާއި، މެޗު ލައިވް ކުރާ ޓެކްނިކަލް ކްރޫއިންގެ އިތުރުން މެޑިކަލް ސްޓާފުންނާއި އެމެޖެންސީ އަދި ސެކިއުރިޓީ ސްޓާފުންނެވެ. އެއިން ކޮންމެ މީހަކުވެސް ދަނޑަށް ވަންނާނީ ރައްކާތެރިކަމުގެ ފުރިހަމަ ފިޔަވަޅުތަކާއި އެކު ކޮންމެ މީހަކު ވަކިންނެވެ. މެޗު ފެށުމުގެ ކުރިންނާއި މެޗަށް ފަހު ބޯޅަތަކާއި، ކޯނަރު ދަނޑި، ގޯލް އަދި ޗޭންގިން ރޫމާއި އަދި އެ ނޫންވެސް ދަނޑުގެ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކުރާނެ އެވެ.
ބުންޑަސް ލީގާއަކީ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު ލީގުކަމުގައި ނުވިޔަސް، މިރޭ ފެށޭ ބުންޑަސް ލީގާގެ މެޗުތައް ދިވެހިންގެ ތެރެއިން ވެސް ފުޓްބޯޅައަށް ސަޕޯޓުކުރާ ގިނަ ބަޔަކު ބަލާނެ ކަމަށް ބެލެވެ އެވެ. މިރޭ ފަސް މެޗު އެބައޮތެވެ. ރާއްޖޭ ގަޑިން ހަގަޑި ބަޔަށް ތައްޔާރުވާށެވެ.