ads
ރާޝިދާ ޔޫސުފް
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ދިނުން ހުއްޓާލަންޖެހޭ: ރާޝިދާ ޔޫސުފް
ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ދިނުން ހުއްޓާލަންޖެހޭ ކަމަށާއި، ރައްޔިތުން ބިކަ ހާލުގައި ޖައްސައި، ޕާޓީތަކަށް ފައިސާ ދިނުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ކުރީގެ ވަޒީރު ރާޝިދާ ޔޫސުފް ވިދާޅުވެއްޖެ އެވެ.
Advertisement

ސިޔާސީ ޕާޓީތަކަށް ރައްޔިތުންގެ ފައިސާ ދިނުން ހުއްޓާލަންޖެހޭ ކަމަށް ރާޝިދާ ވިދާޅުވިއިރު "އެދޭ ރާއްޖެ" ހަރަކާތުން ވަނީ "ސިޔާސީ ޕާޓީތައް ރިފޯމް ކުރަން" އިސްލާހީ ހަރަކާތަކަށް ގޮވާލާފަ އެވެ. "ސިޔާސީ ޕާޓީތަކުގެ ރިފޯމަށް" ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ ކަންކަމުގެ ތެރޭގައި:

ހުށައެޅުން

  • ޕާޓީތަކަށް ފައިސާ ލިބޭނެ ހަރުދަނާ ގޮތްތަކެއް ހޯދުމާއެކު އެތެރޭގެ އިންތިހާބުގައި ހަމަހަމަ ފުރުސަތު ލިބިފައިވާކަން ކަށަވަރު ކުރުމަށްޓަކައި، ޕާޓީ ހިންގަން ހުންނަ މީހާ ގައުމީ އިންތިހާބެއްގެ ޓިކެޓް ހޯދުމަށްޓަކައި ބާއްވާ ޕްރައިމަރީތަކުގައި ވާދަނުކުރެވޭގޮތަށް ކަނޑައެޅުމަށާއި، ލީޑަޝިޕާ މެދު ފެންނަ ނުފެންނަ ވޯޓް ނެގުމުގެ ފުރުސަތު ހޯދުމަށާއި ލީޑަޝިޕުގައި ތިބޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމަށް

ނަތީޖާ

  • ސިޔާސީ ޕާޓީ ހަރަކާތް ހިންގުން ހަރުދަނާ ވެފައިވާ މިންވަރަށް ބަލާއިރު ޕާޓީތަކުން ފައިސާ ހަރަދު ކުރަނީ ޕާޓީ އާއި މެމްބަރުންގެ މަސްހަލަތު ހިމާޔަތް ކުރެވޭނެ ހަމަ އާއި އުސޫލުންތޯ ކަށަވަރުވެ، ޕާޓީ ހިންގުމުގެ ޒިންމާ އާ ހަވާލުވެ ތިބޭ މީހުންނަށް އިންތިހާބުތަކުގައި ވާދަ ނުކުރެވުމާއި ޕާޓީގެ އެންމެ އިސް މަސްލަހަތަކީ އާންމު މެމްބަރުންގެ މަސްލަހަތުކަމަށް ވުމުން ޕާޓީ ހިންގާ މީހުން ޒިންމާދާރު ކުރެވި ޖަވާބުދާރީ ކުރުމަށް ފަސޭހަވެ ޕާޓީގެ އެންމެ މަތީ ބާރަކީ އާންމު މެމްބަރުންކަން ކަށަވަރު ކުރެވި، ނަޒާހަތްތެރިކަން ލިބިފައިވާ މީހުންނަށް ސިޔާސީ ޕާޓީތަކުން ޖާގަ ލިބުން

މިއަދުގެ ސިޔާސީ ހަގީގަތަކީ ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމު ހަރުދަނާކޮށް، މިހާރު ހުރި މައްސަލަތަކަށް ހައްލު ހޯދުމަށް ފުރަތަމަ ކުރަންވީ ކަމަކީ "ބަހުސެއް" އުފައްދާ ހިޔާލު ފާޅުކުރުމެވެ. އެ ހިޔާލުފާޅުކުރުންތަކުގެ ތެރެއަށް ސިޔާސީ ޕާޓީތަކުގެ ރިފޯމް މައުލޫ ވެއްދުމެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް 2000ގެ އަހަރުތަކުގެ ކުރީކޮޅުގައި ކުރި ފަދަ އިސްލާހީ މަސައްކަތަކެއް އަލުން ފެށިއްޖެ ނަމަ މިއަދު ރާއްޖޭގެ ހިންގުމުގެ ނިޒާމުގެ ތެރެއިންނާއި ސިޔާސީ ޕާޓީތަކުން މިފެންނަ ފުރިހަމަ ނޫން، ނުރަނގަޅު، ގޯސް އެތައް ކަމެއް ރަގަނޅު ކުރުމަށް ފުރުސަތު ދިވެހިންނަށް ފަހިވެގެންދާނެ އެވެ.

ދިވެހިރާއްޖޭގެ ޑިމޮކްރަސީ ފައްކާވަމުން އަންނާނީ މަދަނީ މުޖްތަމައުއާއި ރައްޔިތުންގެ ބައިވެރިވުމާއި، ސިޔާސީ ޕާޓީތަކުގެ ދައުރާއެކުގައި އެވެ. ކޮންމެ ސިޔާސީ ހަރަކާތަކީ ވެސް ގައުމުގެ ކުރިމަގަށް ޓަކައި، ފާޑުކިޔުމާއި، މަޝްވަރާކުރުމާއި، އަދި ހައްލު ހޯދުމުގެ މަގު ފަހިކޮށްދޭ ކަމެކެވެ.

މަދު ބައެއްގެ ތާއިދު ހޯދައިގެން މުޅި ޕާޓީ ނުވަތަ ގައުމު އަޅުވެތިކަމުގައި ބާއްވައިގެން ހިންގާ ކަމުގެ ތުހުމަތުގެ އަޑު ކިތަންމެ ގަދަވެ ކިތަންމެ ބޮޑު ގޯހެއް ހެދި ކަމަށް ފެނުނަސް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އެކަމުގެ ސަބަބުން ލިބޭ ގެއްލުން އިންތިހާއަށް ބޮޑުވިޔަސް އެޅޭނެ ތަހުޒީބު ފިޔަވަޅެއް ހޯދިފާ ނެތުމަކީ އެންމެ ބޮޑު އެއް ގޯހެވެ. ޒަމާން ބަދަލުވެ މީހުން ތަހުޒީބުގެ މަގަށް ދަތުރުކުރާއިރު، ޕާޓީ ހިންގަން ހަވާލުވެ ހުންނަ މީހަކާ މެދު ގޮތް ނިންމުމުގެ ބާރު އާންމު މެމްބަރުންނަށް ލިބިދޭނެ އުސޫލަކުން ޕާޓީތައް ހިންގަން މަޖުބޫރީ ހާލަތަކަށް ނުދޭތޯ އެވެ.

ސޯޝަލް މީޑިއާގައި ވާހަކަދައްކަވަމުން ރާޝިދާ ޔޫސުފް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވާ، އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުން ފެންނަން ބޭނުންވާ ކަމަށެވެ. އެއީ އަންހެން ބޭފުޅެއް ކަމުގައި ވިޔަސް ނުވަތަ ފިރިހެން ބޭފުޅެއް ކަމުގައި ވިޔަސް، ވަކި ޕާޓީއަކަށް ނިސްބަތްނުވާ ކެންޑިޑޭޓުންނަށް ފުރުޞަތު އޮންނަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ވަކި ޕާޓީއަކަށް ނިސްބަތްނުވެ އިންތިޚާބުގައި ވާދަކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީންވެސް ހުއްދަކުރާ އަދި އެކަމުގެ ޖާގަ އޮތް ގޮތެއްކަން ރާޝިދާ ޔޫސުފް ވަނީ ފާހަގަކުރައްވާފަ އެވެ.

ރާޝިދާ ޔޫސުފަކީ ދިވެހިރާއްޖޭގެ ސިޔާސީ، ހާރިޖީ އަދި އިޖުތިމާއީ ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފައިވާ އިސް ބޭފުޅެކެވެ. 

ރާޝީދާ ޔޫސުފްވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ޒުވާނުންނާއި އަންހެނުންގެ ކަންކަމާ ބެހޭ ވަޒީރުކަމާއި، އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ވަޒީރުކަން ކުރައްވާފަ އެވެ. އެކަމަނާވަނީ ރާއްޖޭން ސްރީލަންކާއަށް ކަނޑައެޅުއްވި ހައިކޮމިޝަނަރުގެ މަގާމު ފުރުއްވިއެވެ. އެއީ ރާއްޖޭގައި ސަފީރުކަން ކުރެއްވި ފުރަތަމަ ދިވެހި ކަނބަލެވެ. 

ބ. އޭދަފުއްޓަށް އުފަން ރާޝިދާ ޔޫސުފަކީ ތައުލީމީ ދާއިރާއާއި، އަންހެނުންގެ ހައްގުތަކާއި، ކުޑަކުދިންގެ ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް