އެކަމަނާ ވިދާޅުވީ، ޑިޕްލޮމަސީއަކީ ހަމައެކަނި ސަރުކާރުތަކުގެ މެދުގައި ހެދޭ އެއްބަސްވުންތަކެއް ނޫން ކަމަށާއި، އޭގެ އަސްލަކީ ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ތަމްސީލުކޮށް ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކޮށްދޭ ގައުމީ އަޑު ކަމަށެވެ. އަދި ބޭރު ގައުމުތަކާއެކު އޮންނަ ގާތް ގުޅުމާއި، 2040 ވަނަ އަހަރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމުގައި މިފަދަ ގުޅުންތަކުގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ހަފުލާގައި ބަންޑާރަނައިބު އަހުމަދު އުޝާމް ބައިވެރިވެވަޑައިގެންނެވިއިރު، ޒުވާން ޑިޕްލޮމެޓުންނަށް ހިތްވަރު ދިނުމުގެ ގޮތުން "ޔަންގް ޑިޕްލޮމޭޓް އެވޯޑު" ވަނީ ތައާރަފުކޮށްފައެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން ވޭތުވެދިޔަ ތިން އަހަރު ހޯދި ކާމިޔާބީތައް އޮންލައިންކޮށް ބަލާލެވޭ ފޮތެއް ވެސް ވަނީ ނެރެފައެވެ.
މީގެ އިތުރުން، މި ހަފުތާގެ ތެރޭގައި އާންމުންނަށް މައުލޫމާތު ދިނުމަށް "ދިވެހިންގެ ގާތަށް" ހާއްސަ ހަރަކާތެއް ބާއްވައި، ވިސާއާއި ވަޒީފާ އަދި އެހެނިހެން ހިދުމަތްތަކާ ބެހޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ.