ޤާނޫނީ ތަޢުލީމުގެ 'މިނިމަމް ސްޓޭންޑާޑްސް' އަށް މިދިޔަ ޖުލައި މަހު ބާ ކައުންސިލުން ގެނައި އިސްލާހުގައި ބުނެފައިވަނީ، އަންނަ އަހަރުން ފެށިގެން ޤާނޫނީ ޑިގްރީ ޕްރޮގްރާމްތަކުގެ ހުރިހާ އިމްތިޙާނުތަކެއް ވެސް އިމްތިޙާނު ހަދާ މަރުކަޒަކަށް ޙާޟިރުވެގެން ހަދަން ލާޒިމުވާނެ ކަމަށެވެ. އެ ބަދަލާ ގުޅިގެން ދަރިވަރުންތަކެއް މަޖިލީހަށް ހުށަހެޅި ޕެޓިޝަނުގައި ފާހަގަކޮށްފައިވަނީ، އެ ކޯސްތަކުގައި އެ ކުދިން ބައިވެރިވީ އޮންލައިންކޮށް ކިޔެވުމާއި އިމްތިޙާނު ހެދުމުގެ ފުރުޞަތު އޮތް ކަމަށް ބަލައިގެން ކަމަށެވެ.
ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮންނަ މަޖިލީހުގެ ބައެއް މެންބަރުން ވެސް މިހާރު ގެންދަވަނީ ޤާނޫނީ ދާއިރާއިން ތަޢުލީމު ޙާޞިލުކުރައްވަމުންނެވެ. އޭގެ ތެރޭގައި މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙު ހިމެނިވަޑައިގަންނަވައެވެ. މިއަދު ބޭއްވި ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި މި ހުށަހެޅުމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ވެސް ގާނޫނީ ދާއިރާއިން ޑިގްރީއަށް ކިޔަވާ ވިދާޅުވާ ދެ މެންބަރަކު ހިމެނިވަޑައިގަންނަވައެވެ. އެއީ މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު އަދި ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ.
އިބްރާ ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި މެންބަރުންގެ އަމިއްލަ މަސްލަހަތެއް ހިމެނޭ ކަމެއްގައި ވޯޓު ދިނުމަކަށް ތަނެއް ނުދެއެވެ. އަދި އެފަދަ ކަމެއްގައި ބައިވެރިވެ ވޯޓު ދީފިނަމަ، އެއީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކުރި ކަމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ގަވާއިދާއި މެންބަރުންގެ ސުލޫކީ މިންގަނޑު ބަޔާންކުރާ ގޮތުން، މައްސަލައެއްގައި އަމިއްލަ މަސްލަހަތެއް އޮތްކަން އެނގޭ ހިނދު އެކަން ހާމަކުރަންޖެހޭއިރު، މަސްލަހަތު ފުށުއަރާ ހާލަތްތަކުގައި ބަހުސްކުރުމާއި ވޯޓު ދިނުމުން އެއްފަރާތްވާން ޖެހެއެވެ.
މީގެ އިތުރުން، ޤާނޫނީ ވަކީލު އަލްއުސްތާޛު ނިޝާން ވެސް ވަނީ މި ނިންމުމާ މެދު ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ ތަޢުލީމީ ދާއިރާ އާއި ގުޅޭ މިފަދަ ކަމެއް ނިންމަން ޖުޑީޝަރީ ކޮމިޓީއަށް ހުށަހެޅުމަކީ ވެސް ސުވާލު އުފެދޭ ކަމެއް ކަމަށެވެ. ސަބަބަކީ ގާނޫނީ ބާރު ލިބިގެން ހަދާ ގަވާއިދުތަކާ މެދު ގޮތް ނިންމުމަކީ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ކަމަކަށް ވާތީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.