އަގުބޮޑު އަދި ހޯދަން ދަތި ލިތިއަމްގެ ބަދަލުގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ފެށުމަކީ، އިލެކްޓްރިކް އުޅަނދުތަކަށާއި ސޯލާ ސިސްޓަމްތަކަށް ގެނެވުނު އިންގިލާބީ ބޮޑު ކުރިއެރުމެކެވެ.
މިހާރު ބޭނުންކުރާ ލިތިއަމް ބެޓެރިތަކަކީ ހޫނުވުމުން ނުވަތަ މާގިނައިން ޗާޖުވުމުން ގޮވައި، ނުރައްކާތެރި އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވާ އެއްޗެކެވެ. ނަމަވެސް ސޯޑިއަމް ބެޓެރީއަކީ ތޮރުފާލިޔަސް އަލިފާން ނުހިފާ، އަމިއްލައަށް ރޯނުވާ، ސަތޭކަ އިންސައްތަ ރައްކާތެރި އުފެއްދުމެކެވެ.
މީގެއިތުރުން ލިތިއަމް، ނިކަލް އަދި ކޮބާލްޓް ފަދަ ތަކެއްޗާ އަޅާބަލާއިރު ސޯޑިއަމަކީ ކަނޑުގެ ލޮނުގަނޑުންނާއި ބިމުން ނުހަނު ތިޔާގިކޮށް ލިބޭ އެއްޗަކަށް ވާތީ، މި ބެޓެރީގެ އަގު 30 އިންސައްތައާއި 40 އިންސައްތައާ ދެމެދުގެ މިންވަރަކަށް ހެޔޮވެގެންދެ އެވެ.
ހޫނު މޫސުމުގެ ގައުމުތަކުގައި ލިތިއަމް ބެޓެރީތައް އަވަހަށް ހަލާކުވި ނަމަވެސް، ސޯޑިއަމް ބެޓެރީތަކަކީ 40 އާއި 50 ޑިގްރީގެ ހޫނުމިނުގައި ވެސް ބާރު ދެމެހެއްޓުމުގެ ގާބިލުކަން މަތި ބެޓެރީތަކެކެވެ. އަދި މި ބެޓެރީތައް އެންމެ 15 މިނެޓުގެ ތެރޭގައި 80 އިންސައްތައަށް ޗާޖުކޮށްލެވޭތީ، އުޅަނދުތައް ދުއްވާ މީހުންނަށް ވަގުތު ސަލާމަތްކުރުމަށް ވެސް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.
ދިވެހިރާއްޖޭގެ މާހައުލަށް ބަލާއިރު މިއީ ނުހަނު ބޭނުންތެރި އަދި މުހިންމު ޓެކްނޮލޮޖީއެކެވެ. މާލެއާއި ހުޅުމާލޭގެ އިމާރާތްތަކުގެ ގަރާޖުތަކުގައި އިލެކްޓްރިކް ސައިކަލުތައް ޗާޖުކުރަން ބަހައްޓާފައި ހުއްޓާ ގޮވައިގެން ހިނގާ އަލިފާނުގެ ނުރައްކާތެރި ހާދިސާތައް މި ބެޓެރީގެ ސަބަބުން މުޅިން ހުއްޓުވިދާނެ އެވެ. ހަމައެއާއެކު ރަށްރަށުގައި އަވިން ކަރަންޓު އުފައްދާ ސޯލާ ސިސްޓަމްތަކުގައި ހަކަތަ ރައްކާކުރުމަށް އަގުބޮޑު ލިތިއަމްގެ ބަދަލުގައި ސޯޑިއަމް ބެޓެރީ ބޭނުންކުރަން ފެށުމުން، ސާފު ހަކަތައަށް ބަދަލުވުމުގެ ހަރަދު އެތައް ގުނައަކަށް ކުޑަވެގެންދާނެ އެވެ.
މީގެއިތުރުން، ކަނޑުމަތީގެ ލޮނުގެ އަސަރާއި ތެތްފިނިކަން ހުންނަ މާހައުލުގައި ދުއްވާ ކުދި ޑިންގީތަކާއި އުޅަނދުފަހަރު ކަރަންޓު އިންޖީނަށް ބަދަލުކުރުމަށް ވެސް މިއީ އެންމެ އެކަށޭނަ ހައްލެވެ. މާހިރުން ދެކޭ ގޮތުގައި ސޯޑިއަމް-އަޔަން ބެޓެރީ ބާޒާރަށް އައުމަކީ، އަލިފާނުގެ ބިރުވެރިކަމެއް ނެތި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުމަށް ދުނިޔެއަށް އަޅައިގަނެވުނު ވަރަށް ވަރުގަދަ ބިންގަލެކެވެ.