މި ހާދިސާ ހިނގާފައިވަނީ ބާމިއުޑާއިން އެމެރިކާގެ ބޮސްޓަނަށް ރޭގަނޑުގެ ވަގުތެއްގައި ދަތުރުކުރަމުންދިޔަ އެއާ އެމްބިއުލާންސް ޖެޓް ނެންޓަކެޓްގެ ކަނޑުގެ ސަރަހައްދަށް ގެއްލުމާ ގުޅިގެންނެވެ.
ލިބިފައިވާ އޯޑިއޯ ރެކޯޑިންގްތަކުން އެނގޭ ގޮތުގައި، މި ބޯޓު ކަނޑަށް ވެއްޓުމުގެ ކުރިން ޕައިލެޓް ވަނީ ބޯޓުގެ ކަރަންޓުގެ ނިޒާމަށް ދިމާވި ނުރައްކާތެރި މައްސަލައަކާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ސަރަހައްދަށް ބާރުގަދަ ތޫފާނެއް އައިސްފައިވާ ވަގުތެއްގައެވެ. ތޫފާނުގެ ތެރޭގައި މި ޖެޓް ވަނީ ކުއްލިއަކަށް އެޓްލާންޓިކް ކަނޑަށް ވެއްޓިފަ އެވެ.
މި ހާދިސާއާ ގުޅިގެން އެމެރިކާގެ ކޯސްޓްގާޑުގެ ކްރޫއިން ދަނީ ނެންޓަކެޓްގެ ބޭރުން ކަނޑުގެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހޯދުމުގެ މަސައްކަތްތައް ކުރަމުންނެވެ. އަދި ކަނޑުގެ އަޑީގެ ސަރަހައްދުތައް ބަލައި ފާސްކުރުމަށްޓަކައި ސޯނާ ނިޒާމުތައް ބޭނުންކޮށްގެން ހާއްސަ އޮޕަރޭޝަންތަކެއްވެސް ކޯސްޓްގާޑުން ދަނީ ކުރިއަށްގެންދަމުންނެވެ.
މި އެއާ އެމްބިއުލާންސްގައި ޖުމްލަ 6 މީހުން ތިބި އިރު، ގެއްލުނު މީހުންނާއި ބޯޓު ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޓީމުތަކުން މެދުކެނޑުމެއްނެތި ދަނީ ކުރަމުންނެވެ.