މިއަދު ހެނދުނު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސައުދުގެ މައްޗަށް އުފުލާފައި ވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާއާއި، ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. މި ދެ ދައުވާ ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ހޯދުމަށްޓަކައި އާބާދީގައި 10،000 މީހުން ހަމަވާކަން ދެއްކުމުގެ ގޮތުން 4 ސެޕްޓެމްބަރު 2022 ގައި ސައުދު ވަނީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އަށް މަރުވެފައިވާ މީހުންނާއި ސައްހަ ނޫން މައުލޫމާތު ހިމެނޭ ލިސްޓެއް ފޮނުއްވާފަ އެވެ. އަދި އެލްޖީއޭއިން ސައްހަ ލިސްޓެއް ހުށަހެޅުމަށް އެދުމުން، 13 އޯގަސްޓް 2023 ގައި ފޮނުވި ލިސްޓުގައިވެސް އެހެން ރަށްރަށުގައި ރެޖިސްޓްރީވެފައިވާ މީހުންނާއި އެއް ނަންތަކެއް ތަކުރާރުކޮށް، އާބާދީއަކީ 10،500 މީހުން ކަމަށް ބަޔާންކޮށް އޮޅުވާލާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.
މީގެއިތުރުން، ފުލުހުން ކުރިއަށްގެންދިޔަ ތަހުގީގުގައި އެ ލިސްޓު ހިއްސާކޮށްދިނުމަށް އެދުމުން، އެ މައުލޫމާތު ރިކޯޑުކުރެވިފައި ނެތް ކަމަށް ބުނެ ސައުދު ފުލުހުންނަށް ދޮގު ހަދައި ތަހުގީގަށް ހުރަސްއަޅާފައިވާ ކަމަށް ވެސް ދައުވާގައި ބުނެފައިވެ އެވެ.
ނަމަވެސް، މޭޔަރު ސައުދު ވަނީ މި ތުހުމަތުތައް މުޅިން ދޮގުކުރައްވާފަ އެވެ.
ތިނަދޫއަކީ ސިޓީއެއްގެ ގޮތުގައި ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ވަނީ އެ މައްސަލަ މަޖިލީހަށާއި ލޯކަލް ގަވާމެންޓް އޮޓޯރިޓީއަށްވެސް ހުށަހަޅުއްވައިފަ އެވެ.
ތިނަދޫ ސިޓީއެއްގެ ގޮތުގައި ހަމަޖެއްސެވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.