ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ އަބާ އެއާޕޯޓަށް އަންގާރަ ދުވަހު ދިން ހަމަލާގައި މަރުވީ މޮރޮކޯގެ އަންހެނަކާއި އަލްޖީރިއާގެ އަންހެނެކެވެ. މި ހަމަލާގައި ސައުދީގެ ރައްޔިތުންނާއި ބިދޭސީން ހިމެނޭ ގޮތަށް 28 މީހަކަށް ވަނީ އަނިޔާވެފަ އެވެ.
ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ބުދަ ދުވަހު ދިން ހަމަލާގައި ސޫދާނުގެ ރައްޔިތެއް މަރުވެ އަށް މީހަކަށް ވަނީ އަނިޔާވެފަ އެވެ. މި ހަމަލާގައި އަނިޔާވި މީހުންގެ ތެރޭގައި ސައުދީގެ ފަސް ރައްޔިތަކާއި މިސްރުގެ ދެ ރައްޔިތާއި ޕާކިސްތާނުގެ ރައްޔިތެއް ހިމެނެ އެވެ.
ހޫތީން ސައުދީއަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ދީފައިމިވަނީ ސައުދީ އަރަބިއްޔާގެ އެހީތެރިކަމާ އެކު ހަރަކާތްތެރިވާ ޔަމަނުގެ ސަރުކާރުގެ ފައުޖުތަކުން ރަތްކަނޑުގެ އައްސޭރިފަށުގައި ކުރިއަށްޖެހި، އިސްތިރާތީޖީ ގޮތުން މުހިންމު ބާބުލް މަންދަބު ކަނޑުއޮޅި ހިމެނޭ ސަރަހައްދު މިނިވަންކޮށް، މުހާ ސިޓީއާ ހަމައަށް ފޯރާފައިވާ ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގަނެފައިވާ ޔަމަނުގެ ސަރުކާރުން ބުނެފައި ވަނިކޮށެވެ.
ޔަމަނުގެ އުތުރުހުޅަނގުގެ ބޮޑު ބައެއް ކޮންޓްރޯލްކުރާ ހޫތީން، ސައުދީގެ މަދަދުލިބޭ ސަރުކާރުގެ ބާރުތަކާ ދެކޮޅަށް ހަނގުރާމަކުރަމުންދަނީ އެ ސަރަހައްދުތަކުގެ ކޮންޓްރޯލް ހޯދުމަށެވެ. އެގޮތުން، ޖުލައި މަހު އަލުން ހަނގުރާމަ ފެށުނު ފަހުން ހޫތީން ވަނީ އައްސޭރިފަށުގެ ބޮޑެތި ސަރަހައްދުތަކެއް ހިފައިފަ އެވެ.
ޔަމަނުގެ ދާހިލީ ހަނގުރާމަ އަލުން ފެށުނު ފަހުން އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ. ޔަމަނުގެ މި މައްސަލަ ފެށުނީ 2014 ވަނަ އަހަރު ހޫތީން އެ ގައުމުގެ ވެރިރަށް ސަންއާ ހިފުމާ ގުޅިގެން، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ސަރުކާރު އެޑަނަށް ބަދަލުވާން މަޖުބޫރުވި ހިސާބުންނެވެ.