މި މައްސަލައިގައި ދައުލަތުން އުފުލާފައިވަނީ ދިވެހިރާއްޖޭގެ ގާނޫނުލްޢުޤޫބާތުގެ 122 ވަނަ މާއްދާގެ ދަށުން، މީހަކަށް އަނިޔާއެއް ލިބިދާނެ ފަދަ ކުށެއް ކޮށްފާނެ ކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާއެވެ.
މި ހާދިސާ ހިނގާފައިވަނީ މުލީ ރީޖަނަލް ހޮސްޕިޓަލަށް ޑޮކްޓަރަށް ދައްކަން ގޮސް، އެ ހޮސްޕިޓަލުގެ ޑޮކްޓަރަކު ލިޔެދިން ބޭސް ކަމުނުދާ ކަމަށް ބުނެ، "ޕްރެގަބަލިން ނަމަކަށް ކިޔާ ބޭހެއް ލިޔެދިނުމަށް ޑޮކްޓަރު ގާތު އެދުމުންނެވެ. ނަމަވެސް އެ ބޭސް ލިޔެދިނުމަށް ޑޮކްޓަރު ދެކޮޅު ހެދުމުން، ކޮޓަރި ތެރޭގައި އަޑުގަދަކޮށް، އެ ކޮޓަރިން ނުކުންނަމުން މަގުމަތިން ފެނިއްޖެނަމަ ހޭ އަރުވާލާނެ ކަމަށް ބުނެ އޭނާ ވަނީ ޑޮކްޓަރަށް އިންޒާރުދީފައެވެ.
މި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ދައުވާ ލިބުނު ފަރާތުން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އަސާސީ މިންގަނޑުން ދެ ދަރަޖަ ލުއިކުރުމަށްފަހު، ކޯޓުން ވަނީ އޭނާ ދެ މަހާއި 21 ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.
ނަމަވެސް، ޤާނޫނުލްޢުޤޫބާތުގެ ދަށުން ޖަލު އަދަބު ޖޫރިމަނާއަށް ބަދަލުކޮށް، 16،200 (ސޯޅަ ހާސް ދެސަތޭކަ) ދިވެހި ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ކޯޓުން ވަނީ ނިންމާފައެވެ. އަދި އެ ފައިސާ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކައި ޚަލާޞްކުރުމަށް ކޯޓުގެ ހުކުމުގައި ވަނީ އަމުރުކޮށްފައެވެ.