ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރިޔާސީ އިންތިހާބަށް ނުކުންނަވައި އެ މަނިކުފާނުގެ ރަނިންމޭޓަކީ މާލޭގެ މޭޔަރު އާދަމް އާޒިމް ކަމަށް އިއުލާން ކުރައްވާފައިވަނިކޮށް، އިދިކޮޅު ޕާޓީގެ ގައުމީ މަޖިލީހަށް ފޮނުއްވި މެސެޖުގައި ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބަށް ނުކުންނައިރު، އެހެން ޕާޓީތަކާ ވާހަކަ ދައްކައި، އެއްބަސްވުންތައް ގާއިމްކުރެވޭނެ ގޮތަކަށް ތިބުން ބޭނުންތެރި ކަމެއް ކަމަށެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ފައިސަލް އިއްޔެ ވިދާޅުވީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވަރަށް ބޮޑަށް މަޝްވަރާ ކުރައްވައި އެ މަނިކުފާނުގެ "ވަރަށް ބޮޑު އެއްބާރުލުމެއް އޮވެގެން" ނެވެ.
ފައިސަލްއާ އެކު އެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން އާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމެއްގައި އެ ޕާޓީގެ ރައީސާއި ނައިބު ރައީސަކު ހުންނެވުން ވަރަށް މުހިންމު ކަމަށެވެ.
ފައިސަލް ފިޔަވައި އެމްޑީޕީން ވާދަކުރައްވާ އިތުރު އެއްވެސް ބޭފުޅަކު ރަނިންމޭޓަކު އިއުލާނު ކުރައްވާފައެއް ނުވެއެވެ.
ނަޝީދު ވެރިކަން ކުރެއްވި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ނައިބު ރައީސަކަށް ހުންނެވީ ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުން މުހައްމަދު ވަހީދު އެވެ. 2013 ގެ އިންތިހާބަށް ނަޝީދުގެ ރަނިން މޭޓަކަށް ހުންނެވީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ މުސްތަފާ ލުތުފީ އެވެ.
އޭގެ ފަހުން އެމްޑީޕީގެ ދެވަނަ ސަރުކާރު އުފެދިގެންދިޔައިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ހުންނެވީ ފައިސަލް އެވެ. އެ އިންތިހާބަށް ކޯލިޝަނަކާއެކު އެމްޑީޕީން ނުކުތްއިރު ރަނިން މޭޓުކަން ދިނީ އެ ކޯލިޝަނުގައި އޮތް ދެވަނައަށް އެންމެ ބޮޑު ޕާޓީ ކަމަށްވާ ޖުމްހޫރީ ޕާޓީއަށެވެ. އެ ޕާޓީގެ ސްލޮޓު ލިބިވަޑައިގަތީ ފައިސަލްއަށެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި ސޯލިހުގެ ރަނިން މޭޓަކީ އެމްޑީޕީގެ މެންބަރެއް ކަމަށްވާ އޭރުގެ ހިތަދޫ އުތުރު ދާއިރާ މެންބަރު މުހައްމަދު އަސްލަމް އެވެ.