ބީއެމްއެލް އިން ބުނި ގޮތުގައި މީގެ ތެރޭގައި 373،600 އަށް ވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތައް ހިމެނެއެވެ. މި މުއްދަތުގެ ތެރޭގައި ކަސްޓަމަރުންނަށް 722 މިލިއަން ޑޮލަރު އެ ބޭންކުން ފޯރުކޮށްދީފައިވާއިރު، މިއީ މަހެއްގެ މައްޗަށް ބަލާނަމަ 80 މިލިއަން ޑޮލަރެވެ.
މިދިޔަ އަހަރު ނިމުނުއިރު ބޭންކުން ޖުމްލަ 733 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވުމުން، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި މިވަނީ މިދިޔަ މުޅި އަހަރު ދޫކުރި އަދަދާ ގާތްކުރާ މިންވަރަކަށް ޑޮލަރު ދޫކޮށްފަ އެވެ.
މިދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ދޫކުރި ބޭރު ފައިސާގެ ތެރެއިން 336 މިލިއަން ޑޮލަރަކީ ރުފިޔާ ކާޑުތައް މެދުވެރިކޮށް ބައިނަލްއަގުވާމީ މުއާމަލާތްތަކަށް ހޭދަކޮށްފައިވާ ފައިސާ އެވެ. މީގެ ތެރެއިން، 208 މިލިއަން ޑޮލަރު ނުވަތަ %62 ހޭދަކޮށްފައިވަނީ އީ-ކޮމާސް މުއާމަލާތްތަކަށެވެ. މީގެ އިތުރުން، ރާއްޖޭން ބޭރުގެ ޕީއޯއެސް މެދުވެރިކޮށް 93 މިލިއަން ޑޮލަރު ހޭދަކޮށްފައިވާއިރު، ރާއްޖޭން ބޭރުގެ އޭޓީއެމްތަކުން 34 މިލިއަން ޑޮލަރު ނަގާފައިވެ އެވެ.
ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ހެދުމަށް ބޭންކުން 224 މިލިއަން ޑޮލަރު ދޫކޮށްފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ މުޅި އަހަރުގެ ތެރޭގައި އެ ބޭނުމަށް ދޫކުރި 175 މިލިއަން ޑޮލަރަށް ވުރެ އިތުރު އަދަދެކެވެ. ދަތުރުފަތުރުގެ ބޭނުމަށް ނަގުދު ފައިސާގެ ގޮތުގައި 86 މިލިއަން ޑޮލަރު ދޫކޮށްފައިވާއިރު، އޭގެ ތެރޭގައި ހައްޖާއި އުމްރާގެ އަޅުކަމަށް ދޫކުރި 5.8 މިލިއަން ޑޮލަރު ހިމެނެ އެވެ.
ރާއްޖޭން ބޭރުގައި ތައުލީމު ހާސިލުކުރުމަށް 40 މިލިއަން ޑޮލަރު އަދި ބޭސްފަރުވާއަށް 33 މިލިއަން ޑޮލަރު ބޭންކުން ފޯރުކޮށްދީފައިވެ އެވެ. ބޭސްފަރުވާއަށް ދޫކުރި ފައިސާގެ އަދަދަކީ 2025 ވަނަ އަހަރުގެ މުޅި އަހަރު އެ ބޭނުމަށް ދޫކުރި 14 މިލިއަން ޑޮލަރާ އަޅާބަލާއިރު ދެގުނައަށް ވުރެ އިތުރު އަދަދެކެވެ.
މީގެ އިތުރުން، ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި ރާއްޖޭން ބޭރަށް ފޮނުވި ފައިސާގެ ޖުމްލަ އަދަދު 2.86 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ 2025 ވަނަ އަހަރުގެ އެ މުއްދަތުގައި ފޮނުވި 2.25 ބިލިއަން ޑޮލަރާ އަޅާބަލާއިރު %27ގެ އިތުރުވުމެކެވެ. މި އަދަދުތަކުގެ ތެރޭގައި ރެމިޓަންސް އާއި އިމްޕޯޓް ލެޓަ އޮފް ކްރެޑިޓް ހިމެނޭއިރު، މީގެ ތެރޭގައި ކަސްޓަމަރުންގެ އަމިއްލަ ޑޮލަރު އެކައުންޓުތަކުން ކުރި މުއާމަލާތްތައް ވެސް ހިމެނެ އެވެ.
ބޭންކުން ބުނި ގޮތުގައި، މި މުއްދަތުގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް 373,600 މުއާމަލާތް ހިންގާފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު %19ގެ ކުރިއެރުމެކެވެ.
ބީއެމްއެލް އިން ބުނީ، ދުނިޔޭގެ ބާޒާރުގައި ޑޮލަރު ހޯދުމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމާއި ރާއްޖޭގެ އެތެރޭގެ ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް ހަލުވިކަމާ އެކު އިތުރުވަމުން ދިއުމަކީ އެ ބޭންކުގެ ބޭރު ފައިސާގެ ވަސީލަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ.
ބޭންކުން އެ ގޮންޖެހުންތައް މެނޭޖް ކުރަނީ ހަރުދަނާ އުސޫލުތަކެއްގެ މަތިން ބެލެންސް ޝީޓް ބަލަހައްޓައިގެން ކަމަށް ބީއެމްއެލް އިން ބުންޏެވެ. އޭގެ ތެރޭގައި ބޭރު ފައިސާގެ ޑިޕޮސިޓްތައް އިތުރުކުރުމާއި ހިފެހެއްޓުމާއި ދިގުމުއްދަތުގެ ބޭރު ފައިސާގެ ފަންޑިން ހޯދާނެ މަގުތައް އިތުރުކުރުމުގެ އިތުރުން، ބޭންކުގެ އުފެއްދުންތަކާއި އަގުތައް ބާޒާރުގެ ހާލަތަށާއި ބޭންކުގެ ރިސްކް އެޕެޓައިޓާ އެއްގޮތަށް ގަވާއިދުން މުރާޖައާކުރުން ހިމެނޭ ކަމަށް ބޭންކުން ބުންޏެވެ.