ads
ކޯޕަރޭޝަނުން އައްޑޫ ސީޓީން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފަށަނީ
އަންނަ ރޯދަ މަހަށް ހާއްސަކޮށްގެން އައްޑޫ ސީޓީން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ފަށަން ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.
Advertisement

އެ ކޯޕަރޭޝަނުން ބުނީ މިއީ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ދާން ބޭނުންވާ އައްޑޫ ސިޓީއާއި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންނަށް ދަތުރުގެ ފަސޭހަ އިންތިޒާމެއް ހަމަޖައްސައިދިނުމުގެ ގޮތުން އިންތިޒާމުކުރާ ހާއްސަ ދަތުރެއްކަމަށެވެ. 

ކޯޕަރޭޝަނުން ބުނީ ރޯދަ މަހުގެ ފަހު ފަނަރައަށް ހާއްސަކޮށްގެން ބާއްވާ މި ދަތުރު އޮންނާނީ އަންނަ ފެބުރުއަރީ މަހުގެ 20 ވަނަ ދުވަހު އައްޑޫ ސިޓީ ގަމުން ސީދާ ޖިއްދާއަށްކަމަށެވެ. ކޯޕަރޭޝަނުން ބުނީ ރަމަޟާން މަހުގެ ފަހު ފަނަރަ ޢުމްރާ ޕެކޭޖުގެ އަގަކީ 48،965 ރުފިޔާކަމަށެވެ. މީގެ އިތުރުން މުޅި ރަމަޟާން އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލާފައިވާކަމަށާއި މުޅި ރަމަޟާން އުމްރާ ޕެކޭޖުގެ އަގަކީ 54،965 ރުފިޔާކަމަށެވެ. 

ރަމަޟާން އުމްރާގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަ ކަށަވަރުކުރުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށާއި އުމްރާގެ ޖާގަ ކަށަވަރުކުރެވޭނީ ހައްޖު ކޯޕަރޭޝަންގެ އޮންލައިން ޕޯޓަލް "ފަހެލި" މެދުވެރިކޮށްގެންނާއި، ކޯޕަރޭޝަންގެ ވެބްސައިޓް (hajj.mv) މެދުވެރިކޮށްކަަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ. 

ކޯޕަރޭޝަނުން ބުނީ އަމާޒަކީ ކުރިޔަށް އޮތް ތަނުގައި، ޖުލައި މަހާއި، ޑިސެމްބަރު މަހުގެ އިތުރުން ބަރަކާތްތެރި ރަމަޟާން މަހު އައްޑޫ ސިޓީ ގަމުން ޖިއްދާއަށް ސީދާ އުމްރާ ދަތުރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިޔަށްގެންދިޔުން ކަމަށެވެ. މި ދަތުރުތައް މިގޮތަށް އިންތިޒާމުކުރުމަށް ފަހިވެފައިވަނީ، ޤައުމީ އެއާލައިންއިން ވައިޑް-ބޮޑީ އޮޕަރޭޝަންތައް ފެށުމާގުޅިގެންކަމަށާއި މިއީ މި ހިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި އިތުރަށް ފުޅާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ލިބިގެންދިޔަ ބޮޑު ބާރެއްކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް