ads
ފޮޓޯ: ގެޓީ އިމޭޖަސް
ފައިނަލް މެޗް ކުޅުނުތާ 310 ދުވަސް ފަހުން ޗެމްޕިއަން ޓީމް ކަނޑައަޅައިފި
އެފްރިކަން ކަޕް އޮފް ނޭޝަންސްގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ސެނެގާލް ކަމަށް ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ކަނޑައަޅައިފިއެވެ. ކާސް އިން މިގޮތަށް ކަނޑައެޅީ މުބާރާތުގެ ފައިނަލް މެޗު ކުޅުނުތާ 310 ދުވަސް ފަހުންނެވެ.
Advertisement

މިދިޔަ ޖެނުއަރީ މަހު ކުޅުނު ފައިނަލް މެޗުގެ އިތުރު ވަގުތުގައި 1-0 އިން ސެނެގާލް ކާމިޔާބުކޮށް، އެ ޓީމަކީ ޗެމްޕިއަން ޓީމު ކަމަށް މެޗުގެ ރެފްރީ ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، މެޗު ކުޅުނުތާ 57 ދުވަސް ފަހުން އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ (ކާފް) އިން ވަނީ އެ ނިންމުން ބަދަލުކޮށް، ޗެމްޕިއަން ޓީމަކީ މޮރޮކޯ ކަމަށް ނިންމައި، މޮރޮކޯ 3-0 އިން މޮޅުވި ކަމަށް ނިންމާފައެވެ.

ކާފް އިން އެގޮތަށް ނިންމީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ތެރޭގައި މޮރޮކޯއަށް ލިބުނު ޕެނަލްޓީއަކާ ގުޅިގެން ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި މައްސަލަ މޮރޮކޯއިން ހުށަހެޅުމުންނެވެ. އެ ޕެނަލްޓީއާ ގުޅިގެން ސެނެގާލްގެ ސަޕޯޓަރުންވެސް ހަމަނުޖެހުން ހިންގައި، ދަނޑުގެ ސަލާމަތީ ކޮންޓްރޯލް ވަގުތީ ގޮތުން ގެއްލުނެވެ. ނަމަވެސް، ސަލާމަތީ ކަންކަން ހަމައަކަށް އަޅުވައި 17 މިނެޓު ފަހުން އަލުން މެޗު ފެށުމުން، މޮރޮކޯގެ ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ކީޕަރު އެޑުއާޑް މެންޑީ ވަނީ ދިފާޢުކޮށްފައެވެ. އޭގެ ފަހުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ސެނެގާލުން ލަނޑު ޖަހައި މެޗު ކާމިޔާބުކުރިއެވެ.

ކާފްގެ ނިންމުން ސެނެގާލުން ކާސްގައި އިސްތިއުނާފު ކުރުމުން، މައްސަލަ ބެލުމަށްފަހު ކާސް އިން ނިންމީ ރެފްރީގެ ނިންމުން ބަދަލުކުރަން ޖެހޭ އެއްވެސް ޤާނޫނީ އަދި ފަންނީ އަސާސެއް ނެތް ކަމަށެވެ.

ކާސްގެ ނިންމުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސެނެގާލް ކުޅުންތެރިން ދަނޑުން ފޭބި ނަމަވެސް މެޗުގެ ރެފްރީ މެޗު ނިންމައެއް ނުލައެވެ. އޭގެ ބަދަލުގައި ރެފްރީ އިޚްތިޔާރު ކުރީ ކުޅުންތެރިން އަނބުރާ ދަނޑަށް އައުމުގެ ފުރުޞަތު ދީގެން މެޗު ފުރިހަމަ ކުރުމަށެވެ. އަދި ކުޅުންތެރިން ދަނޑަށް އެނބުރި އައުމުން މެޗުގެ ބާކީބައި ފުރިހަމަކޮށްފައިވާތީ، މެޗުގެ ރަސްމީ ނަތީޖާއަކީ ފަހުގެ ނިންމުން ކަމަށާއި، ރެފްރީ އަދި މެޗު އޮފިޝަލުންގެ ނިންމުންތަކަށް ހުރިހާ ފަރާތްތަކުންވެސް އިޙްތިރާމް ކުރަން ޖެހޭނެ ކަމަށް ކާސް އިން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް