ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ބައެއް މީހުން ފަރިތަވެފައި ހުންނަ ވަކި ބްރޭންޑުތަކެއްގެ ބޭސް ލިޔެދިނުމަށް ޑޮކްޓަރުން ކައިރިން އެދޭ މައްސަލައަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ.
މީގެ އިތުރުން ޑޮކްޓަރުން އެގޮތަށް ބޭސް ލިޔެދެނީ އަގުގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުންނަ ބޭސްތައް ކަމަށާއި، އޭގެ ސަބަބުން ވަކި ބްރޭންޑެއްގެ ބޭސް ނުލިބިގެން އާންމުން އުޅެންޖެހޭކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރާއްޖެއިން ބޭރުން ޑޮކްޓަރަށް ދެއްކުމަށްފަހު ވަކި ބޭހެއް ކުރިއަށް ގެންދަން އެންގުމުން، އެ ބޭހަށް ކިޔާ ނަމުން ރާއްޖެއިން ހޯދަން އުޅޭ މައްސަލަ ވެސް ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް ޑޮކްޓަރުން އިރުޝާދު ދެއްވަނީ އެ ބޭހެއްގައި ހިމެނޭ މާއްދާތައް ހުންނަ ބޭސް ބޭނުންކުރުމަށް ކަމަށް ޑރ. އަޝްރަފް ތަފުސީލުކޮށްދެއްވިއެވެ.
މިފަދަ ހާލަތްތައް ވެސް އާންމުން ބޭސް ނުލިބޭ ކަމުގެ ޝަކުވާގެ ތެރޭގައި ހިމަނާކަން ފާހަގަކުރައްވައި ޑރ. އަޝްރަފް ވިދާޅުވީ، އެކަންކަން ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައިވާ ބޭސް ނެތް ހާލަތްތަކުގައި، އެ މާއްދާ އެކުލެވޭ އެހެން ބްރޭންޑެއްގެ ބޭހެއް ދޫކުރުމުގެ އިޚުތިޔާރު މިހާރު ފާމަސިސްޓުންނަށް ދީފައިވާނެ ކަމަށް ވިދާޅުވިއެވެ.
ބޭސް ނުލިބުމާއި އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ދާންޖެހުމުގެ އިތުރުން، އާސަންދައިން ކަވަރުނުކުރާ ބޭސްތައް ގަތުމަށް ބޮޑު ހޭދައެއް ކުރަންޖެހުމަކީ އާންމުންގެ ބޮޑު ކަންބޮޑުވުމެކެވެ. މި މައްސަލައާ ގުޅިގެން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވެފައިވަނީ، މިހާރު ރޭވިފައިވާ ގޮތަށް އެ ކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދެވިއްޖެނަމަ، އަންނަ އަހަރުގެ ކުރީކޮޅު ބޭހުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.