ރޭ އެ ސިޓީގައި ބޭއްވި ރަސްމިއްޔާތެެއްގައި 'މަނަސް ހަބް'ގެ ނަމުގައި ހުޅުވި މި ސެންޓަރު ހުޅުވާދެއްވީ ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް އާއި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އޮސްޓްރޭލިއާގެ ހައި ކޮމިޝަނަރު ޑޭވިޑް ޖެސަޕްއެވެ. މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަު ސާލިހްގެ އަނބިކަނބަލުންވެސް ބައިވެރިވެވަޑައިގަތެވެ.
ސިޓީ ކައުންސިލުން ބުނީ ދުނިޔޭގެ ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހާ ގުޅުވައިގެން ހުޅުވި މަނަސް ހަބަކީ އާންމު ކްލިނިކަލް ނުވަތަ ހޮސްޕިޓަލް މާހައުލަކާ ތަފާތުކޮށް، ނަފްސާނީ މައްސަލަތައް އިތުރަށް ގޯސްވުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އެހީތެރިކަން ފޯރުކޮށްދިނުމަށް ތަރައްގީކޮށްފައިވާ ހާއްސަ ތަނެއްކަމަށެވެ.
އެ ސެންޓަރުން ދޭ ހިދުމަތްތަކަކީ:
ސައިކޯއެޑިއުކޭޝަން އަދި ސެޝަންތައް: ނަފްސާނީ ގޮންޖެހުންތަކުން އަރައިގަތުމުގެ ހުނަރުތަކާއި ދުޅަހެޔޮ ދިރިއުޅުމުގެ އާދަތައް އަދި ނަފްސާނީ ސިއްހަތާ ގުޅުން ހުރި މުހިންމު އެކިއެކި މައުލޫތަކަށް ހޭލުންތެރިކަމުގެ ސެޝަންތައް ގެންދިއުން
ކެރިއާ ގައިޑެންސް އަދި ސްޓްރެސް މެނޭޖްމެންޓް: ސްޓްރެސް މެނޭޖްކުރުމާއި ނަފްސާނީ ހިތްވަރު (އިމޯޝަނަލް ރެޒިލިއަންސް) ވަރުގަދަކުރުމުގެ އިތުރުން، މުސްތަގްބަލުގެ ކެރިއާ ބިނާކުރުމަށް މަގުދައްކައިދިނުމުގެ ގޮތުން ސިލްސިލާކޮށް ކުރިއަށްގެންދެވޭ ސެޝަންތައް
ބޯޑް ގޭމްސް އަދި މުނިފޫހިފިލުވުމުގެ ހަރަކާތްތައް: އެކުވެރި މާހައުލެއްގައި އިޖުތިމާއީ ގުޅުންތައް ބަދަހިކުރުމަށް މަގުފަހިކޮށްދޭ ތަފާތު ކުޅިވަރުތަކާއި ރެކްރިއޭޝަނަލް ހަރަކާތްތައް
މި ސެންޓަރުގެ މައިގަނޑު މަގުސަދަކީ ކޮންމެ ފަރުދަކަށް ވެސް ފަސޭހަކަމާއެކު ވާސިލުވެވޭނެ އަމާން މާހައުލެއްގައި މައުލޫމާތު ހިއްސާކޮށް، ދުޅަހެޔޮ ދިރިއުޅުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެ އެވެ. އަދި އިތުރު ފަރުވާއަށް ބޭނުންވާ ހާލަތްތަކުގައި އެކަށީގެންވާ ފަންނީ އެހީތެރިކަމާއި ހިދުމަތްތައް މި ސެންޓަރުން ލިބޭނެކަމަށްވެސް ސިޓީ ކައުންސިލުނ ބުނެ އެވވެ.
މި ހަބުގެ މޮޑެލް ބިނާވެފައިވަނީ، ނަފްސާނީ އެހީތެރިކަމަކީ ހަމައެކަނި ހާލަތު ނުރައްކާވުމުން ހޯދާ ހިދުމަތަކަށް ނުހަދައި ދުރާލައި ދުޅަހެޔޮކަން ދެމެހެއްޓުމަށް އަހައްމިއްޔަތުކަން ދިނުމުގެ މައްޗަށްކަން ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.