ads
ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓު
ރިޔާޟްގެ އެއާޕޯޓަކަށް ދިން ހަމަލާއެއްގައި ސައުދީ ވެރިރަށުގެ އެއާޕޯޓު ބަންދު!
ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ މަދަނީ އެއާޕޯޓުތަކަށް ދެމުންދާ ހަމަލާތައް ވަރުގަދަކުރުމުގެ ސަބަބުން ސައުދީގެ ރިޔާދުގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓު އަންނަ ހޮނިހިރު ދުވަހާ ހަމައަށް ބަންދުކުރުމަށް ސައުދީ ސަރުކާރުން ނިންމައިފި އެވެ.
Advertisement

ފާއިތުވި ފަސް ދުވަހުގެ ތެރޭގައި އެކަނިވެސް ސައުދީގެ ވެރިރަށް ރިޔާދުގައި އޮންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހަތަރު ފަހަރަށް ހަމަލާދީފައިވެއެވެ. އޮކްޓޯބަރު 10 ވަނަ ދުވަހު ދިން ހަމަލާގައި 13 މީހުން މަރުވެ، 300 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާއިރު، އޭގެ އަނެއް ދުވަހު ދިން ހަމަލާގައި އެކަކު މަރުވެ 11 މީހުންނަށް ވަނީ އަނިޔާވެފަ އެވެ. 

މީގެ ކުރިން އޮކްޓޯބަރު 7 ވަނަ ދުވަހު ދިން ހަމަލާއެއްގައި އެކަކު މަރުވެ އަށް މީހުންނަށް އަނިޔާވެފައިވާއިރު، އޮކްޓޯބަރު 8 ވަނަ ދުވަހު ދިން ހަމަލާގައި އެއާލައިން ޕައިލެޓަކާއި ސައުދީގެ އިތުރު ދެ ރައްޔިތަކު މަރުވެފައިވެއެވެ. މީގެ އިތުރުން، އޮކްޓޯބަރު 7 ވަނަ ދުވަހު އަބްހާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިން ހަމަލާއެއްގައި ދެ މީހުން މަރުވެ 28 މީހުންނަށް އަނިޔާވި ކަމަށް ސައުދީގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފައިވެ އެވެ.

ސައުދީގެ ސިވިލް އެވިއޭޝަން އޮތޯރިޓީން ބުނި ގޮތުގައި، އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލާފައިވަނީ އެއާޕޯޓުގެ ވަސީލަތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އޮޕަރޭޝަންތަކަށް އަލުން ތައްޔާރުވުމަށް ކުރަންޖެހޭ މަސައްކަތްތައް ނިންމުމަށެވެ. ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ނެރެފައިވާ ނޯޓިސްތަކުގައިވާ ގޮތުން، މި މަހު 17ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 9 ޖެހުމާ ހަމައަށް އެއާޕޯޓު ބަންދުވާނެ އެވެ.

އެއާޕޯޓު ބަންދުކުރުމާ ގުޅިގެން ގަލްފް އެއާ، ގަތަރު އެއާވޭސް އަދި ކުވައިތު އެއާވޭސްއިން ވަނީ ރިޔާޟަށް ކުރާ ދަތުރުތައް މެދުކަނޑައިލާފަ އެވެ. މީގެ އިތުރުން އިއްތިހާދު އެއާވޭސްއިން އަބޫދާބީން ރިޔާޟް، ދަންމާމް އަދި ޖިއްދާއަށް ކުރާ ބައެއް ދަތުރުތައް ހުއްޓާލާފައިވާއިރު، އިޖިޕްޓްއެއާއިން ވަނީ ގާހިރާ އަދި އިސްކަންދަރިއްޔާއިން ރިޔާޟަށް ކުރާ ދަތުރުތައް ވެސް މެދުކަނޑައިލާފަ އެވެ. 

ރިޕޯޓްތައް ބުނާ ގޮތުގައި ހޫތީންގެ ހަމަލާތައް އަމާޒުވެފައިވާ ސައޫދީ އަރަބިއްޔާ އިން ވަނީ އެމެރިކާގެ މަދަދަށް އެދިފަ އެވެ. އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ އެކަމާ ވިސްނަވަމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.

މި މައްސަލައާ ގުޅޭ ގޮތުން އޭއެފްޕީއަށް ދިން އިންޓަވިއުއެއްގައި ހޫތީންގެ ސިޔާސީ ގޮފީގެ މެންބަރު މުހައްމަދު އަލް ބުހައިތީ ވިދާޅުވީ އެމެރިކާ މި ހަނގުރާމައަށް ވަދެއްޖެ ނަމަ ރައްދު ދިނުމާ މެދު ދެ ވަނަ ވިސްނުމަކަށް ނުދާނެ ކަމަށެވެ.

"އެމެރިކާ އާއި މެދުއިރުމަތީގައި ހުރި އެމެރިކާގެ އެންމެހާ މަސްލަހަތުތަކަށް އަމާޒުކޮށް އަވަސް އަދި ވޭންދެނިވި ރައްދެއް ދޭނަން،" ބުހައިތީ ވިދާޅުވި އެވެ.

ހޫތީން ބުނަމުންދަނީ މި ހަމަލާތަކަކީ ޔަމަނުގެ ހުޅަނގުގައި އެ ޖަމާއަތުގެ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކަށް ސައުދީން ދެމުންދާ "އަނިޔާވެރި އުދުވާނަށް" ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ޔަމަނުގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި، އާދީއްތަ ދުވަހު ސައުދީން ވެރިރަށް ސަނާއަށް ދިން ވައިގެ ހަމަލާއެއްގައި ކުޑަކުއްޖަކު މަރުވެ، އިތުރު ހަ މީހަކަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.

ޔަމަނުގެ ރެޑް ސީ ކޯސްޓް ސަރަހައްދާއި އެހެނިހެން ސަރަހައްދުތަކުގައި ހޫތީންނާ ދެކޮޅަށް ހަނގުރާމަކުރަމުންދާ ޔަމަނު ސަރުކާރުގެ ފައުޖުތަކަށް، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ދަނީ ވައިގެ މަގުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް