އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ ރަސްމާލެ މަޝްރޫއުއާ ގުޅިގެން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށެވެ. އަދި އެކަމުގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ޔޫއޭއީ ގެ އިންވެސްޓްމަންޓްތަކަށް ހުއްޓުން އަތުވެދާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ރަސްމާލޭ މަޝްރޫއާއި ގުޅިގެން އެމްޑީޕީން ދެކޭ ގޮތުގެ ބަޔާނެއް ނެރެފައިވާކަން މެމްބަރުންނަށް ހަނދާންކޮށްދެއްވާ ނަޝީދު ވަނީ ޕާޓިގެ ސިޔާސަތާއި ދެކޮޅަށް ވާހަކަ ދައްކާ މެމްބަރުންނަށް ވެދާނެ ގޮތްވެސް ވިދާޅުވެ ދެއްވާފަ އެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކެވުމުންކަމަށް ނަޝީދު ވަނީ ވިދާޅުވެ ފައެވެ. އެހެންކަމުން ޕާޓީގެ ސިޔާސަތާއި ދެކޮޅަށް ވާހަކަ ނުދެއްކުމަށް މެމްބަރުންނަށް ނުސީދާ އިންޒާރެއް ނަޝީދު ވަނީ ދެއްވާފަ އެވެ.
ރަސްމާލެއިން 500 ހެކްޓަރު ބިން 99 އަހަރަށް ދުބާއީގެ އީގަލްސް ހިލްސް ކުންފުންޏަށް ދިނުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމާއި ގުޅިގެން ބޮޑެތި ފާޑުކިޔުންތައް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުގެ އިތުރުން ބައެއް އިލްމުވެރިންނާއި މި ސަރުކާރުގައި ކުރިން އިސްކޮށް މަސައްކަތް ކުރެެއްވި ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާއްމުން އަންނަނީ ރަސްމާލެ ބޭރު ބަޔަކަށް ދިނުމުގައި ކަންބޮޑުވުންތަކެއް ހުރިކަމަށް ބުނަމުން ނެވެ.
އެހެންނަމަވެސް އެ މަޝްރޫއާ ދެކޮޅަށް ނަޝީދު ވާހަކަ ދައްކާވަފައެއް ނުވެއެވެ. މިހާތަނަށްވެސް ނަޝީދު ވިދާޅުވަމުން ގެންދަބީ ބޭތގެ ބޮޑެތި މަޝްރޫއުތައް ރާއްޖެ އަންނަ ޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށެވެ. ރަސްމާލެ މައްސަލާގައި އޮތް ހަމައެކަނި ކަންބޮޑުވުމަކީ ސަރުކާރުން ކަންކަން ހާމަނުކުރުމާއި މާލެ ސަރަހައްދުގައި އެފަދަ ބޮޑު މަޝްރޫއުއެއް ހިންގުންކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.