ބަންގާޅު ކަނޑުގައި އުފެދުނު ކޮޅިގަނޑު ކުއްލިއަކަށް ބާރުގަދަވެ، ނުރައްކާތެރި ތޫފާނަކަށް ބަދަލުވުމާ ގުޅިގެން ކަމާބެހޭ އިދާރާތަކުން އަންނަނީ މޫސުމަށް ނުހަނު ސަމާލުވުމަށް އެދެމުންނެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ ގޮތުގައި، މި ތޫފާން ހަލުވިކަމާއެކު އިތުރަށް ވަރުގަދަވަމުންދާތީ، އިންޑިއާގެ އިރުމަތީ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނުރައްކާ ވަނީ ބޮޑުވެފައެވެ. ހާއްސަކޮށް އޮޑިޝާ އަދި އާންދުރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް މި ތޫފާނުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މި ތޫފާނުގެ ނުރައްކަލުން ރައްކާތެރިވުމުގެ ގޮތުން އޮޑިޝާ އާއި އާންދުރަ ޕްރަދޭޝްގެ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ކާރިސާތަކުން ރައްކާތެރިވުމަށް ހަރަކާތްތެރިވާ ޓީމުތައް (ޑިޒާސްޓަރ ރެސްޕޮންސް) ވަނީ ކުއްލި ހާލަތުގައި ހަރަކާތްތެރިވުމަށް ތައްޔާރުކޮށް، ހަރަކާތްތެރިވާން ފަށާފައެވެ. އަދި އައްސޭރިފަށުގެ ސަރަހައްދުތަކުގައި އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ.
މި ތޫފާނާ ގުޅިގެން ކުރިއަށް އޮތް ވަގުތުތަކުގައި މޫސުން އިތުރަށް ގޯސްވާނެ ކަމަށް ބެލެވޭތީ، އެ ސަރަހައްދުގެ އައްސޭރިފަށުގައި ދިރިއުޅޭ ފަރާތްތަކުން މޫސުމީ އިރުޝާދުތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.