މި ހާދިސާ ހިނގާފައިވަނީ އެ އުޅަނދުން ތެޔޮ ބަދަލުކުރުމުގެ މަސައްކަތް ނުވަތަ ފިއުލް ޓްރާންސްފާ އޮޕަރޭޝަނެއް ކުރިއަށްދިޔަ ވަގުތުގަ އެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ އާންމުންގެ މެދުގައި ވަނީ ބޮޑު ސިއްސައިގެން ދިއުމެއް އުފެދިފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި، މި ނުރައްކާތެރި ހާދިސާ ހިނގަން މެދުވެރިވީ ޕިކަޕް ޓްރަކް ތެރޭގައި ހުރި އެލްޕީޖީ ގޭސް ސިލިންޑަރަކުން އުފެދުނު އަލިފާން ކަނިކޮޅެއްގެ ސަބަބުންނެވެ. އެ އަލިފާން ކަނި ގޭސް ސިލިންޑަރަށް އެޅި، ސިލިންޑަރުގައި ރޯވެ ގޮވުމުގެ ސަބަބުން، ޕިކަޕްގައި ހުރި ބޮޑެތި އަދަދުގެ ޕެޓްރޯލާއި ޑީސަލްގައި ވަގުތުން ރޯވެ، މުޅި އުޅަނދު ވަނީ ބާރުގަދަކޮށް ގޮވާފަ އެވެ.
މި ހާދިސާގައި ޖުމްލަ ހަތް މީހަކު މަރުވެފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ސްކޫލް ޓީޗަރަކުވެސް ހިމެނޭކަން ވަނީ ކަށަވަރުވެފައެވެ. ތެޔޮ ބަދަލުކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވި މީހުންނާއި، އެ ވަގުތު އެ ސަރަހައްދުން ދިޔަ ބައެއް މީހުންނަށްވެސް މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބި، ސިއްހީ އެހީތެރިކަން ދޭންޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާއާ ގުޅިގެން އާންދުރާ ޕްރަދޭޝްގެ ކަމާބެހޭ އިދާރާތަކުން ދަނީ މި ކަން ހިނގި ގޮތް އިތުރަށް ތަހުގީގު ކުރަމުންނެވެ. ރައްކާތެރިކަމުގެ މިންގަނޑުތަކާ ޚިލާފަށް ގޭސް ސިލިންޑަރާއެކު ގިނަ އަދަދެއްގެ ޕެޓްރޯލާއި ޑީސަލް އުފުލައި، ތެޔޮ ބަދަލުކުރުމުގެ ނުރައްކާތެރި މަސައްކަތް ކުރިއަށްދިޔަ ގޮތާއި، ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ޚާއްޞަ ތަހުގީގެއް ވަނީ ފަށާފަ އެވެ.