ads
ނިޔާޒް
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް، އެމްޑީޕީގެ ގައުމީ މަޖިލީހަށް ކުރިމަތިލައްވައިފި
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައިފި އެވެ.
Advertisement

ތިނަދޫ ދެކުނު ދާއިރާއަށް ކުރިމަތިލައްވައި، ނިޔާޒް އެކަން ހާމަ ކުރައްވައި ސޯޝަލް މީޑިއާގައި މިއަދު ވިދާޅުވީ، އެ މަގާމަށް ކުރިމަތިލެއްވީ، މި އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުރެ، ޕާޓީގެ ތެރޭގައި ހަގީގީ މާނާގައި އާންމު ރައްޔިތުންގެ މެމްބަރުންގެ ބާރުހިނގާ ދައުލަތް އަދި ޕާޓީ ހިންގުމުގެ ނިޒާމެއް ގާއިމްކުރުމަށް ވަކާލާތުކުރުމާއިއެކު ޑިމޮކްރެޓިކް އުޞޫލުތައް ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ހެޔޮ ނިޔަތުގައި ކަމަށެވެ.

ނިޔާޒް އިބްރާހީމަކީ 4 މޭ 2011 އިން ފެށިގެން ނޮވެމްބަރު 2014 ގެ ނިޔަލަށް ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލްގެ މަޤާމު ފުރުއްވި ބޭފުޅެކެވެ. އޭނާއަކީ ރާއްޖޭގެ މާލީ ދާއިރާގައާއި ދަޢުލަތުގެ އޮޑިޓް ނިޒާމުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރެއްވި ޗާޓަރޑް އެކައުންޓެންޓެކެވެ.

ނިޔާޒް އިބްރާހީމް އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިޔައީ، ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފުރަތަމަ އޮޑިޓް ރިޕޯޓްތައް އެކުލަވާލައްވައި، އެ ހިޔާނާތް ރަސްމީ ސިފައެއްގައި ހާމަކުރެއްވި އޮޑިޓަރ ޖެނެރަލްގެ ގޮތުގައެވެ.

އޭރުގެ ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރްސީގެ ތެރެއިން ދަޢުލަތުގެ ގިނަ ޢަދަދެއްގެ ފައިސާ ގެއްލެމުންދާކަން އޭނާގެ އިސްނެންގެވުމުގެ ދަށުން ނެރުނު ރިޕޯޓުތަކުން ފާހަގަކުރެއްވިއެވެ.

ޚިޔާނާތުގެ މައްސަލަތައް ފެންމަތިވި ދަނޑިވަޅުގައި، އޭރުގެ ރައްޔިތުންގެ މަޖިލީހުން އޮޑިޓް ޤާނޫނަށް އިސްލާހެއް ގެނެސް، އައު އޮޑިޓަރ ޖެނެރަލަކު ޢައްޔަންކުރުމުގެ މަރުޙަލާ ފެށުމާ ގުޅިގެން 2014 ވަނަ އަހަރުގެ ފަހުކޮޅު އޭނާ މަޤާމުން ވަކިވެވަޑައިގަންނަވަން ޖެހުނެވެ.

އޭނާއަށް ކުރިމަތިވި ފުރާނައިގެ ނުރައްކާތަކާ ގުޅިގެން ރާއްޖެ ދޫކުރައްވައި އިނގިރޭސިވިލާތަށް ވަޑައިގެން އަމިއްލައަށް އަރުވާލެވިގެން ދުވަސްތަކަކު ދިރިއުޅުއްވިއެވެ. އަދި އަލްޖަޒީރާއިން 2016 ވަނަ އަހަރު ނެރުނު ތަހުގީގީ ޑޮކިއުމެންޓްރީ "ސްޓީލިންގ ޕެރަޑައިސް" ގައި ރާއްޖޭގެ ވެރިން ހިންގި ހިޔާނާތްތަކާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރެއްވި އެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙަށް އައި ބަދަލުތަކާއެކު، އޭނާ އަނބުރާ ރާއްޖެ ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހުގަ އެވެ.

ނިޔާޒްވަނީ އިނގިރޭސިވިލާތުގެ ބާމިންގހަމް ސިޓީ ޔުނިވަރސިޓީން އޮޑިޓް މެނޭޖްމަންޓް އެންޑް ކޮންސަލްޓެންސީގެ ދާއިރާއިން މާސްޓަރސް ޑިގްރީ ޙާޞިލުކުރައްވާފައިވެއެވެ. އަދި ޔުނިވަރސިޓީ އޮފް އީސްޓް ލަންޑަނުން އެކައުންޓިންގ އެންޑް ފައިނޭންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ހާސިލްލުކުރައްވާފައިވެ އެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ އެސޯސިއޭޝަން އޮފް ޗާޓަރޑް ސަޓިފައިޑް އެކައުންޓެންޓްސްގެ ފުރިހަމަ މެންބަރެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް