ބަނދަރުމަތީގައި އަމިއްލަ މީހަކު ހިންގާ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވެގެން ފުލުހުންނާއި ސިފައިން އަދި މެރިއޮޓް ވަނގަރު ރިސޯޓުގެ ފަޔަ ފައިޓަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އަލިފާނުގެ ހާދިސާގައި މީހަކަށް ގެއްލުންވީކަމެއް ނޭނގެ އެވެ. ނަމަވެސް ކައިރީގައި ހުރި ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އެގޮތުން މިހާތަނަށް އެ ސަރަހައްދުގައި ހުރި ހަތަރު ގެއަކަށާއި ފަސް ވޯކްޝޮޕަކަށް ގެއްލުން ވެފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
އެ ސަރަހައްދުގައި ހުރި ގެތަކުން މިހާރު ވަނީ މީހުން ހުސްކޮށްފަ އެވެ.
ގާތްގަނޑަކަށް 3،500 އެއްހާ މީހުން ދިރިއުޅޭ ފުނަދޫ ފަތްމިނި ޕެޓްރޯލް ޝެޑް ހުންނަނީ ބަނދަރު ސަރަހައްދުގަ އެވެ. މީހުން ދިރިއުޅޭ ގެތަކާއި ގުދަންތައް ހުންނަނީ ޝެޑާ ގާތްގަނޑަކަށް 60 ފޫޓް ދުރުގަ އެވެ.
ޕެޓްރޯލް ޝެޑު އަނދައި ހުލިވުމުން ފުނަދޫ ވަނީ ޕެޓްރޯލަށް ޖެހިފަ އެވެ. އެ ރަށުގައި ގިނަ އަދަދެއްގެ އެއްގަމުގައި ދުއްވާ ވެހިކަލާއި ތިން މަސް ދޯނީގެ އިތުރުން އެހެނިހެން 50 ވަރަކަށް ކަނޑު އުޅަނދު އޮޕަރޭޓްކުރެ އެވެ.