މި ހާދިސާ ހިނގާފައިވަނީ ޖިއޯ ވޯލްޑް ގާޑަންސްގައި ބޭއްވި މި ފެސްޓިވަލުގެ 10 ވަނަ އަހަރީ އެޑިޝަންގެ ތެރޭގަ އެވެ. ޝޯގެ ވަގުތު ހަމަވާން ކައިރިވެފައިވާ ކަމަށް ބުނެ އޭނާގެ ލަވަ މެދުކަނޑާލައި އަލިކަން ކަނޑާލުމުން، ބެލުންތެރިންނާއި ފަންނާނުންގެ މެދުގައި ވަނީ ބޮޑު ނުރުހުމެއް އުފެދިފަ އެވެ.
މި ހާދިސާއާ ގުޅިގެން އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިއުއޭ) އިން ވަނީ މި އަމަލު ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ. އެ ޖަމިއްޔާއިން ބުނީ ގައުމީ އެވޯޑު ހޯދާފައިވާ ފަންނާނަކަށް މިފަދަ ބޭއިހުތިރާމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ޝޯ އިންތިޒާމުކުރި ފަރާތްތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން ބޭނުންވެއްޖެ ހާލަތެއްގައި، ޝިލްޕާއަށް ފުރިހަމަ ގާނޫނީ އެހީތެރިކަން ދޭނެ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފަ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ ދުވަހުގެ ޕްރޮގްރާމް ޝެޑިއުލަށް ވުރެ ލަސްވެފައި އޮތުމުގެ ސަބަބުން، ޝިލްޕާ ސްޓޭޖަށް އެރީ ކަނޑައެޅިފައިވާ ގަޑިއަށް ވުރެ ލަހުންނެވެ. އޭނާ ލަވަކިޔަމުން ދަނިކޮށް ކުއްލިއަކަށް މައިކް ކަނޑާލުމަށްފަހު އަނެއް ސްޓޭޖުގައި ހުރި އެހެން ލަވަކިޔުންތެރިއަކަށް ވަގުތު ދިނެވެ. އަދި ބެލުންތެރިންނަށް ޝުކުރު އަދާކުރުމަށް ޝިލްޕާ ވާހަކަދައްކަން މަސައްކަތް ކުރުމުން ވެސް އަޑު ކަނޑާލުމުން ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ހަޅޭއްލަވައި ނުރުހުން ފާޅުކޮށްފަ އެވެ.
މި ހާދިސާއާ ގުޅިގެން ޝިލްޕާ އޭނާގެ ސޯޝަލް މީޑިއާގައި ބުނީ މިކަމުގެ ސަބަބުން އޭނާގެ "ހިތް ކުދިކުދިވެއްޖެ" ކަމަށެވެ. "މިހާ ރީތި މާހައުލެއް މިގޮތަށް އަހަރެމެންގެ އަތުން ބީވެގެން ދިއުމަކީ ވަރަށް ހިތްދަތި ކަމެއް. އެކަމަކު މިއުޒިކް ހުއްޓުނު ނަމަވެސް ސަޕޯޓަރުން އަހަރެންގެ ނަމުން ގޮވަމުންދިޔަ ގޮވުމުން ވަރަށް ބޮޑު ހިތްވަރެއް ލިބުނު،" ޝިލްޕާ ބުންޏެވެ.
މި މައްސަލަ ހޫނުވުމާ ގުޅިގެން ފެސްޓިވަލް އިންތިޒާމުކުރި ފަރާތްތަކުން ވަނީ ޝިލްޕާގެ ކިބައިންނާއި ސަޕޯޓަރުންގެ ކިބައިން މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ކުރީގެ ލަވަކިޔުންތެރިންގެ ހުށަހެޅުންތައް ދިގުލައިގެން ދިއުމުން މުޅި ޝެޑިއުލް ލަސްވި ކަމަށާއި، ކަނޑައެޅިފައިވާ ވަގުތަށް ޝޯ ނިންމަން ޖެހުމުން އެފަދަ ފިޔަވަޅެއް އަޅަން ޖެހުނީ މަޖުބޫރުވެގެން ކަމަށެވެ.