މި ބަދަލާއެކު، ވިޔަފާރިވެރިންނަށް މުދާ ކްލިއަރކުރުމުގެ އިންތިޒާމުތައް ކުރިއާލައި ރޭވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ އިލްތިމާސްކޮށްފަ އެވެ.
ތިލަފުށީ ކާގޯ ޓާމިނަލުން މުދާ ކްލިއަރކޮށްދިނުމުގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:30 އަށެވެ. އަދި ކަސްޓަމްސް އިންސްޕެކްޝަންގެ ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 އިން މެންދުރު 2:00 އަށެވެ.
މި ހިދުމަތްތައް ހޯދާ ފަރާތްތަކުގެ ދަތުރުފަތުރަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފެރީ ދަތުރުތައްވެސް ވަނީ ތާވަލުކޮށްފަ އެވެ. އެގޮތުން މާލޭ ނޯތު ހާބަރު ޖެޓީން ތިލަފުއްޓަށް ފުރާނީ ހެނދުނު 8:00، މެންދުރު 1:00 އަދި ހަވީރު 4:15 ގައެވެ. އަދި ތިލަފުށީ ޕޯޓް ފެރީ ޖެޓީން މާލެއަށް ފުރާނީ ހެނދުނު 11:00، މެންދުރުފަހު 3:00 އަދި ހަވީރު 5:00 ގައެވެ.
އެމްޕީއެލް ހިންގާ ތިލަފުއްޓަށް ޕޯޓް ބަދަލު ކުރުމުގެ މުޅި މަޝްރޫއު ނިމިގެންދާއިރު، ތިން ޓާމިނަލްއެއް މި ތަނުން ފެންނަން ހުންނާނެ އެވެ. އެއީ "އިންޓަނޭޝަނަލް ކޮންޓެއިނަރު ޓާމިނަލް" އަކާއި "މަލްޓި-ޕާޕަސް ކާގޯ ޓާމިނަލް" ނުވަތަ އާންމު މުދަލާއި އަވަހަށް ހަލާކުވާ ޒާތުގެ މުދަލަށް ހާއްސަ ތަނެއް އަދި ރާއްޖޭގެ އެތެރޭގެ އުފުލުންތަކަށް ހާއްސަ "ޑޮމެސްޓިކް ކާގޯ ޓާމިނަލް" އެކެވެ.
މި ބަދަލަކީ މާލޭ ވިޔަފާރި ބަނދަރުގެ 80 އިންސައްތަ ހިދުމަތް ތިލަފުއްޓަށް ބަދަލުކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ބައެކެވެ. މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތުތައް އިމްޕޯޓް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކާ ހިއްސާކުރުމަށް އެމްޕީއެލްގެ އިސްވެރިން ބޭއްވެވި ބައްދަލުވުމެއްގައި، ބަނދަރުގެ ހިދުމަތްތައް ކުރިއަށް އޮތްތަނުގައި ބަދަލުވެގެންދާނެ ގޮތުގެ ތަފްސީލީ މަޢުލޫމާތު ވަނީ ވިޔަފާރިވެރިންނަށް ފޯރުކޮށްދީފަ އެވެ.