މި ބިލަކީ ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން ކުށް ކޮށްގެން ހޯދާ މާލީ މަންފާ ހުއްޓުވައި، ނުޙައްޤުން ހޯދާ އެފަދަ މުދާ އެ ފަރާތްތަކުގެ ކިބައިން ނަގައި، އެ މުދަލުން އިތުރު މަންފާ ހޯދޭނެ މަގުތައް ބަންދުކުރުމަށްޓަކައި ޤާނޫނީ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމަށް ހުށަހަޅާފައިވާ ބިލެކެވެ.
މި ބިލުގެ ދަށުން ކުށް ސާބިތުވެގެން މުދާ ދައުލަތަށް ނެގުމުގެ އިތުރުން، އިސްތިސްނާ ޙާލަތްތަކުގައި ޝަރީޢަތަށް ކުށް ސާބިތުވުމަކާ ނުލައިވެސް މަދަނީ މިންގަނޑުން ނުޙައްޤު މުދާ ދައުލަތަށް ނެގޭނެ އުސޫލުތައް ތަޢާރުފުކުރުމަށް ވަނީ ހިމަނާފައެވެ.
އަދި ކުށް ކޮށްގެން ހޯދާ މުދާ ދެނެގަތުމަށާއި ހިފެހެއްޓުމަށްޓަކައި ބޭންކު އެކައުންޓްތައް މޮނިޓަރކުރުމުގެ އަމުރާއި، ޕްރޮޑަކްޝަން އަމުރު އަދި އެކައުންޓް ފްރީޒްކުރުމާއި ރިސްޓްރެއިންޓް އަމުރު ނެރުމުގެ ބާރު ކޯޓުތަކަށް ލިބިދޭނެ އުސޫލުތައްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.
ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދައުލަތަށް މުދާ ނެގޭނީ ޖިނާއީ ބޮޑެތި ކުށްތަކާ ގުޅިގެންނެވެ. އޭގެ ތެރޭގައި މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން، ކޮރަޕްޝަނާއި ރިޝްވަތުގެ ކުށްތައް އަދި މަސްތުވާތަކެއްޗާއި އިންސާނުން އަދި ހަތިޔާރު ޓްރެފިކްކުރުމުގެ އިތުރުން އިންތިޒާމުވެގެން ހިންގާ ބޮޑެތި ޖިނާއީ ކުށްތައް ހިމެނެއެވެ. އަދި ފަސްލައްކަ ރުފިޔާއިން ފެށިގެން މަތީގެ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށްތަކާއި އެއްލައްކަ ރުފިޔާއިން ފެށިގެން މަތީގެ ފޭރުމާއި، ވައްކަމާއި ޚިޔާނާތް އަދި މުދާ ސްމަގްލްކުރުމުގެ ކުށްތައް ހިމެނެއެވެ.
މީގެއިތުރުން، ދައުލަތަށް ނެގޭ ނުވަތަ ހިފެހެއްޓޭ މުދާ ބެލެހެއްޓުމާއި މެނޭޖްކުރުމަށް ޚާއްޞަ "އެސެޓް މެނޭޖްމަންޓް އޮތޯރިޓީ" އެއް ޤާއިމުކުރުމަށާއި، ދައުލަތަށް ނެގޭ މުދަލުން ލިބޭ ފައިސާއިން ކުށުގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބަދަލުދިނުމާއި އެނޫންވެސް ބޭނުންތަކަށް ޚާއްޞަ ފަންޑެއް ޤާއިމުކުރުމަށް މި ބިލުގައި ހިމަނާފައިވެއެވެ.
ހަމައެހެންމެ، ބޭރު ޤައުމުތަކުގައި ފޮރުވާފައި ހުންނަ ކުށް ކޮށްގެން ހޯދާ މުދާ ހޯދައި އަނބުރާ ގެނައުމާއި، ބޭރު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ބައިނަލްއަޤްވާމީ އެއްބާރުލުމުގެ އުސޫލުތައްވެސް ވަނީ ކަނޑައަޅާފައެވެ.
މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން ބުނީ، މި ބިލަކީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް އަންނާނެ ވަރަށް ބޮޑު ބަދަލަކަށްވާތީ، މި ބިލު އިތުރަށް ފުރިހަމަކުރުމަށްޓަކައި ޢާންމު ރައްޔިތުންނާއި، ޤާނޫނީ މާހިރުން އަދި މަދަނީ ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ ވަރަށް މުހިންމު ކަމަށެވެ. އެހެންކަމުން ބިލަށް އިޞްލާޙެއް ނުވަތަ ޚިޔާލެއް އޮތްނަމަ ކޮމިޓީން ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމަށް ވަނީ އެދިފައެވެ.