އޭނާ މިހެން ވިދާޅުވެފައިވަނީ "މޯލްޑިވްސް އެކްސްޕޯ 2026" އާ ގުޅުވައިގެން ބޭއްވި "ޗައިނާ- މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް" ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މި ފޯރަމްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވަމުން ސަފީރު ވިދާޅުވީ، ރައީސްގެ ބައިވެރިވެވަޑައިގަތުމުން ދޭހަވަނީ ޗައިނާއާއެކު އޮންނަ ޒަމާންވީ ގުޅުމަށާއި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދެއްވާ ހާއްސަ އިސްކަންކަމުގައި އެވެ.
މީގެއިތުރުން، މި ފޯރަމް އިންތިޒާމުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ކަމަށްޓަކައި އިކޮނޮމިކްސް މިނިސްޓަރު މުހައްމަދު ސައީދަށާއި ކަމާގުޅުންހުރި އިދާރާތަކަށްވެސް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
ސަފީރުގެ ވާހަކަފުޅުގައި، "ސިނަމާލެ ބްރިޖް" ގެ ސަބަބުން ދިވެހިންގެ ދިރިއުޅުމަށާއި ގައުމުގެ އިގްތިސާދަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް އައިސްފައިވާކަން ފާހަގަކުރައްވަމުން، އެ ކާމިޔާބީގެ އަލީގައި މުސްތަގްބަލަށްޓަކައި އެކުވެރިކަމުގެ އައު ފާލަމެއް ބިނާކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
އަދި ރައީސް ޑރ. މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން "ފުރިހަމަ އިސްތިރާތީޖީ އެއްބާރުލުމުގެ ބައިވެރިވުމަކަށް" މަތިކުރެވިގެންދިއުމަކީ، މި ފާލަމުގެ ސިޔާސީ އަދި އިގްތިސާދީ ބިންގާ ވަރުގަދަކޮށްދިން މުހިންމު ކަމެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީއާއި އީޖާދީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމާއި، ހަކަތައާއި، ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއަށް ފަހިވެގެންދާނެ ފުރުސަތުތަކުގެ މައްޗަށް ވެސް ސަފީރު އަލިއަޅުއްވާލެއްވި އެވެ.
އެގޮތުން ސްމާޓް ގްރީންހައުސްތަކާއި ހައިޑްރޯޕޯނިކްސް މެދުވެރިކޮށް ދަނޑުވެރިކަން ކުރިއެރުވުމާއި، އަވިން ހަކަތަ އުފައްދައިގެން ސަރުކާރުން ކަނޑައަޅާފައިވާ %33 އިއާދަކުރަނިވި ހަކަތައިގެ ލަނޑުދަނޑި ހާސިލުކުރުމަށް ޗައިނާއަށް އެހީތެރިވެވިދާނެ ކަމަށް ވިދާޅުވި އެވެ.
އަދި އީ-ވީޓީއޯއެލް އަދި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އުޅަނދުތައް ތައާރަފުކޮށްގެން، ރަށްތަކުގެ މެދުގައި ދަތުރުފަތުރު ކުރުމުގެ ހަރަދު ކުޑަކުރެވިދާނެކަން ވެސް ބަޔާންކުރެއްވި އެވެ.
ހާއްސަކޮށް ޒުވާނުންގެ ހުނަރު އިތުރުކުރުމާއި ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ ގުޅުން ބަދަހިކުރުމަކީ ކުރިމަގުގެ އުފެއްދުންތެރިކަމުގެ މައިގަނޑު ބާރު ކަމުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެ، މި ފޯރަމްގެ ބައިވެރިން އަމަލީ ގޮތުން ގުޅިގެން މަސައްކަތް ފެށުމަށް ސަފީރު ބާރުއެޅުއްވި އެވެ.
ސަފީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއަދަކީ ދެ ގައުމުގެ އެކުވެރިކަމުގެ އާ ބާބެއްގެ ބިންގާ އެޅުނު ތާރީހީ ދުވަހެއްގެ ގޮތުގައި ފާހަގަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާއަށާއި ފޯރަމްގެ އެންމެހައި ބައިވެރިންނަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.