"ނޭޝަން ޗެޓް" ޕްރޮގްރާމްގައި ރައީސް މުއިއްޒު ވިދާޅުވީ މަޝްރޫއުގެ އެގްރިމެންޓް ހެދިގެންދާއިރު މުޅި އެގްރިމެންޓް ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީއަކަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ޒިންމާދާރު ސަރުކާރަކުން މިއަށްވުރެ ވަކި ފުރިހަމައަކަށް މިކަން ނުކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރަސްމާލޭގައި އީގަލް ހިލްސް އިން ހިންގާ މަޝްރޫއާ ދެކޮޅަށް ވާހަކަ ދައްކަނީ ބިރު އުފެއްދުމަށާއި މި އިންވެސްޓްމެންޓް އަޔަ ނުދިނުމަށެވެ.
ރަސްމާލެ ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކޮށްފައި އޮތީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ސޮއިކުރުމަކީ އުއްމީދެއް ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވަނީ ވިދާޅުވެފަ އެވެ.
އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި
މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ