ads
ކައްވަޅުގެ ކަސްތަޅު
ކައްވަޅުގެ ކަސްތަޅު 4
އެޕިސޯޑް 4
Advertisement

މާކިން އާއި ސާމިރާ އާއި ދެމެދު ދެކެވެމުން ދިޔަ ހޫނު ވާހަކަތަކަށް އަސްނާގެ ސަމާލުކަން ހުއްޓިއްޖެ އެވެ. އެހެން މީހުންގެ ވާހަކަތައް ނުކިޔާ އެ ދެ މީހުންގެ އަރާރުމަށް ޝައުގުވެރިވި ވަގުތު އަނެއްކާވެސް އޭނާގެ ނަން ލޮލުގައި އަޅައިގަތެވެ.

އައިމާ: މި އެންމެން ތެރެއިން އެންމެ އުމުރު ދިގު ވާނީ އަސްނާ.. އާހިރު މަރުހަލާގައި އެންމެ ފަހު ނޭވާ އާއި ހަމައަށް ދަތުރުކޮށް އިތުރު ނޭވާއެއް ދުނިޔެއަށް ދޫކުރުމުގެ ހިތްވަރު ހަމަ އެކަނި ހުންނާނީ އަހަރުމެންގެ 'ހިމޭން' އަސްނާގެ.. އަސްނާ ފަހު ނޭވާ ދޫކުރާ އިރު، އެހެން އެއްވެސް މީހެއްގެ ހަށީގައި ވިންދެއް ނުހުންނާނެ.. އެންމެން  ތިބޭނީ ކަސްތަޅުން ބަނދެވި، 'ފޮށީގެ ތެރޭގައި'..

އައިމާގެ ވާހަކައިން އަސްނާގެ ނިއްކުރިއަށް ކިތަންމެ ރުލެއް އެރިޔަސް އޭނާގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލި އެވެ. އޭނާއަށް ތައުރީފުކޮށް މީހަކު އެއްޗެއް ބުނި  މިއީ ފުރަތަމަ ފަހަރަށް ވީތީ އެވެ. 

ގްރޫޕުގައި ލިޔަމުން ދިޔަ އެންމެންގެ މިޒާޖާއި ހަރަކާތްތައް އަސްނާގެ ދުރުމިން، ދިރާސާކުރާން ފެށި އެވެ.

އައިމާ އަކީ އަނގަ ގަދަ، ހުއްޓުމެއް ނެތި ޓައިޕްކުރާ ހަކަތަ ރުނބައެކެވެ. އެ ރުނބައިން ހަކަތަ ހުސްވުމަކީ ނާދިރު ކަމެކެވެ. އަމިއްލަ ބާރުގެ ދަށަށް އެހެން މީހުން ގެނެސް، އޭނާ ބޭނުން ކޮންމެ ކަމެއް ހާސިލްކުރާނެ އެވެ.

ކަޝިޝް އަކީ ކޮންމެ އެއްޗެއް ކޮންމެ މީހަކާ ދިމާއަށް ބުނެލާ ކުއްޖެކެވެ. އެހެން މީހެއްގެ އިހްސާސަކަށް ނުވަތަ އެހެން މީހަކު ބުނެފާނެ އެއްޗަކަށް އޭނާގެ ފަރުވާލެއް ނެތެވެ. 

މާކިން އަކީ ކަންކަމާއި މެދު  ވިސްނާ ކުއްޖެކެވެ. ނަމަވެސް 'ސީރިއަސް' ލަފުޒާއި މާކިންގެ ނަން އެއް އިބާރާތެއްގައި ގެނައުން ބުއްދިވެރި އެއް ނޫނެވެ.

ރާނިއާ އަކީ ވަކި އަމާޒެއްގައި ނޫނީ ބަހެއް ވެސް ނުބުނާ ކުއްޖެކެވެ. އެހެން ކުދިންނަށް ވުރެން ގޮތް ދަންނަ، އަދި ވިސްނުމާއި ހިޔާލާތުގައި ހަރުދަނާކަމެއް ހުންނަ ކުއްޖެކެވެ. މަސްލަހަތަށް ބަލާފައި  ނޫނީ އޭނާގެ ރައުޔު ހާމަނުކުރެ އެވެ.

ސާމިރާ އަކީ އެންމެންނާއި ގުޅޭ މަޖާ ކުއްޖެކެވެ. ފިޔާތޮށިކުލައިން އިމޯޖީ ފޮނުވުމަކީ އޭނާގެ ހާއްސަ ކަމެކެވެ.

އަސްނާގެ މިޒާޖުގައި އެއިން އެއްވެސް މީހަކާއި އެއް ފާޑެއްގެ ސިފަތަކެއް ހުންނަ ކަމަށް އޭނާއަށް ގަބޫލެއް ނުކުރެވުނެވެ. މުޅި 'ލޮގު' ދިރާސާ ކުރެވުނު އިރުވެސް މެސެޖެއް ކުރުމުގެ ހިތްވަރެއް އޭނާގެ ނެތެވެ.

އަމިއްލަ ފޯނުގެ ކީޕެޑަށް ބަލައިލި އެވެ.

އިނގިލިތަށް ހަރަކާތެއް ނުކުރި އެވެ.

ދެ ލޯ މަރައިލާފައި ފުންނޭވާއެއްލި އެވެ.

'މިރޭ މެސެޖެއް ނުކުރާނަމެވެ.' 

އަމިއްލަ ހިތަށް ވިސްނައިދނުމަށް އަސްނާއަށް ވަގުތުކޮޅެއް ބޭނުންވި އެވެ.  

ދެކެވެމުން ދިޔަ ހުރިހައި ވާހަކައެއް އަސްނާ ކިޔެވެ. ކިތަންމެ ނުތަނަވަސްވެ، ބިރުގަތަސް ގްރޫޕުން ނިކުންނާކަށް ބޭނުމެއް ނުވި އެވެ.

އަނދިރިކަން ވެރިވެފައިވާ ކޮޓަރީގެ ތެރޭގައި ފާޅުވަމުންދިޔައީ ހަމައެކަނި އަސްނާގެ މޫނެވެ. 

ފޯނު ސްކްރީންގެ ފަނޑު އަލި އަމާޒުވެފައި ވަނީ އޭނާގެ މޫނަށެވެ.

ގޭމުގެ ފޯރި ބަލަމުން، މެސެޖްތަށް ކިޔަމުން ދިޔައިރު އަސްނާއަށް ކުރެވެމުންދިޔަ އިހްސާސް އޭނާ ހާމަކުރާނީ ކިހިނެއް ހެއްޔެވެ؟ 

އެއީ ހީވާ ހީވުމެއް ހެއްޔެވެ؟ 

ނުވަތަ ވަސްވާހެއް ހެއްޔެވެ؟ 

ކިތަންމެހާވެސް ކޮޓަރި އަނދިރި އެވެ. 

ބޭރު ފެންނާން ހުރި ހަމައެކަނި ކުޑަދޮރުން އަސްނާގެ ހަރަކާތްތައް މީހަކު ބަލަމުން ދާކަން އޭނާއަށް 'ޔަގީންކަމާއެކު' އިހްސާސް ވަނީ ކީއްވެ ހެއްޔެވެ؟ 

ނަމަވެސް ބިރެއް ނުގަތެވެ.

އިހްސާސްވީ ހަށީގައި ދިރުން ހުރިކަމެވެ. 

ހިތުގެ ތެޅުން ލަސްވެ އަދި އަވަސް ވާކަމެވެ.

އެކަނިވެރިކަމުގެ ފަރުދާގެ ތެރެއިން އެތަށް އަޑަކުން އޭނާއަށް ގޮވަނީ އެވެ. 

ކޮންމެވެސް ނާރެއްގައި ވިންދެއް ހުރިކަން މިރޭ އަސްނާއަށް ޔަގީން ކުރެވިއްޖެ އެވެ. ފުރަތަމަ ފަހަރަށް ތަފާތު ކަމެއް އިހްސާސް ކުރެވުނީ އެވެ.

ހަގީގަތެވެ. 

ހިތުގައި ވިންދެއް ޖަހާކަން ޔަގީން ވިޔަސް، ނުރައްކަލުގެ ރަނގަބީލު ސިކުނޑިގައި ޖަހައިފި އެވެ. 

ރަގަޅު ނޫން ކޮންމެވެސް ކަމެއް އޭނާ އާއި ގުޅިއްޖެ އެވެ.

ހިތުގެ އަޑު މި ނޫނީ އޭނާގެ ކަންފަތާއި ހަމައަށް ވާސިލްވެފައި ނުވެ އެވެ.

ނުތަނަވަސް ކަމަކީ އަސްނާގެ އެކުވެރިޔާ އެވެ. ނަމަވެސް ނުތަނަވަސްކަމާއެކު ހިތުގެ ތެޅުމުން ނިއްކުރިން ދާ ބޮކިޖަހާ ކަމެއް އޭނާ ނުދެނަހުއްޓެވެ.

ފޯނު ސްކްރީނުގެ ކަނާތްފަރާތު ކަނުގައި އަސްނާއަށް ފިރުމާލެވުނެވެ. އެއީ ކަސްތަޅު އަޅާފައިވާ ބޯ ބުރީގެ ނިޝާނެވެ. 

ހަމަ އެވަގުތެވެ. 

ގްރޫޕުގައި ހަރަކާތްތެރިވަމުންދިޔަ މެންބަރުންގެ ނަންތައް ރޫރޫއަޅަން ފަށައިފި އެވެ. 

މުޅި ސްކްރީން ނިވި ދިއްލެއް ފަށައިފި އެވެ. 

ހިނދުކޮޅަކަށް ފަހު ހުއްޓިއްޖެ އެވެ. 

ދެ ލޯ ބޮޑުކޮށްފައި ފޯނަށް ބަލައިލި އެވެ. 

ހަމައެކަނި 'ހަތް ވަނަ ސްލޮޓެވެ.'

ސްކްރީންގައި ހަތް ވަނަ އަށް އޮތް މެސެޖް ތަފާތު ގޮތަކަށް ނިވިދިއްލެން ފެށި ކީއްވެ ހެއްޔެވެ؟  

މިފަހަރުގެ ހަރަކާތް މާ އަވަހެވެ. ހުދު ކުދި ސާގު ފުއްތަކެއް ފަދައިން ބޮކިތަކެއް އަރާފައި އެ 'ސްލޮޓް' ގެއްލިއްޖެ އެވެ. 

ހަމަ އެކަނި އެ ސްލޮޓެވެ. ޗެޓް ކުރުމާއި ފޯރި ގަދަވަމުންދިޔަ ބިރުވެރި ގޭމްގެ ކުޅިވަރު ދިޔައީ ކުރިއަށެވެ.

ގައިމަތީގައި އޮތް ރަޖާގަނޑު އޭނާގެ ބޮލާއެކު އެޅި އެވެ. 

އެއް އަތަށް ބޮލުގެ އިސްތަށިގަނޑުން ބައެއް އޮޅާލައިގެން، އަނެއް އަތުން ނުހަނު ބާރަށް ފޯނުގައި ހިފެހެއްޓި އެވެ. 

ސަލާމަތީ އައްޑަނަ އަކީ އޭނާގެ އަމިއްލަ އިސްތަށިގަނޑު ކަމެއް ނުވަތަ ފޯނުކަމެއް ނިންމާކަށް ނޭގުނެވެ. 

އޭނާގެ މުޅި ހަށިގަނޑު މިވަގުތު އެވަނީ ރަޖާގަނޑުގެ ތެރޭގައި ނިވާ ކޮށްފައި އެވެ.

ވަކި ސްލޮޓެއް ގެއްލުނަސް، ގްރޫޕުގެ ފޯރި ކުޑައެއް ނުވި އެވެ. 

އައިމާ:އެންމެގެ ސަމާލުކަން ބޭނުން..! ވަރަށް ސީރިއަސް ސުވާލެއް އެބަ އޮތް..

ކަލޭމެން ކޮންމެ މީހަކީ ކޮންމެވެސް އެހެން މީހެއްގެ ރޫހު ކަމަށް ވަންޏާއި، ދިރި ތިބި މީހުން ބިރު ގަންނަވަން ހަދާނީ ކިހިނެއް؟

މާކިން:ވަރަށް ފަސޭހަ ސުވާލެއް.. ވަކި ގަޑިތަކެއްގައި އަހަރެން ވަންނާނީ ފާހާނާތަކަށް.. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް