ސަލަފުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކަމާބެހޭ އިދާރާތަކުން ލިބުނު މައުލޫމާތުން އެނގޭ ގޮތުގައި ރަސްމާލެ މަޝްރޫއަކީ އެތަނުގެ 500 ހެކްޓަރުގެ ބިން، ދައުލަތުގެ މިލްކުވެރިކަން ދެމިއޮންނަ ގޮތަށް، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ދީގެން ރިއަލް އެސްޓޭޓް އުޞޫލުން ތަރައްގީކުރުމަށް ރޭވިފައިވާ މަޝްރޫއެކެވެ. މީގެ ދަށުން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ލީސްހޯލްޑް ކުރުމުގެ ފުރުސަތާއި، ހާއްސަ ވިސާއެއްގެ ދަށުން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމުގެ ހައްގު ލިބިގެންދެ އެވެ.
މި މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި އަދި ސޮއިކޮށްފައި ނުވި ނަމަވެސް، އެކަމާ ގުޅޭ ގާނޫނުތަކާއި އެއްބަސްވުންތައް އެކުލަވައިލުމުގައި ސަމާލުކަން ދޭންޖެހޭ މުހިންމު ކަންތައްތަކެއް ސަލަފުން ވަނީ ހުށަހަޅާފަ އެވެ.
ދީނީ އަދި ޤައުމީ ސިޔާދަތު ހިމާޔަތްކުރުން
ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމީ ވަންތަކަން ހިފެހެއްޓުމާއި، ޣައިރު މުސްލިމުންގެ އަޅުކަންކުރާ ތަންތަން އެޅުމާއި ދީނީ ޝިއާރުތައް ފާޅުކުރުން ޞަރީހަކޮށް މަނާކުރުން. އަދި ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން އުޅޭ އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް ނުވަތަ ވިޔަފާރިއަކަށް ސީދާކޮށް އަދި ނުސީދާކޮށް ވެސް ބައިވެރިނުވެވޭނެކަން ކަށަވަރުކުރުން.
ދައުލަތުގެ ބާރު ދެމެހެއްޓުން
ބިމާއި ވަސީލަތްތަކުގެ މައްޗަށް ދައުލަތުގެ ބާރު އޮތުމާއެކު، ގައުމީ މަޞްލަހަތަށް ގެއްލުންވާފަދަ އަމަލެއް ހިންގައިފިނަމަ ބަދަލުދިނުމަކާ ނުލައި އެ ތަނެއް ދައުލަތަށް ނެގޭނެ އުޞޫލުތައް އެއްބަސްވުމުގައި ހިމެނުން.
އާބާދީގެ އޮނިގަނޑާއި ސަލާމަތް
ގިނަ އަދަދެއްގެ ބޭރު މީހުން ދިގު މުއްދަތަކަށް ދިރިއުޅުމުން ގައުމީ ސަލާމަތަށާއި މުޖުތަމަޢުގެ ފޭރާމަށް ކޮށްފާނެ އަސަރުތައް ދިރާސާކުރުމާއި، ވަކި ގައުމެއްގެ ބަޔަކަށް ދެވޭނެ އެންމެ މަތީ ނިސްބަތް (ކޯޓާ) ކަނޑައެޅުން.
ދިވެހިންނަށް ފައިދާވުން
ހަމައެކަނި ވަކި ބަޔަކަށް މަންފާ ލިބުމުގެ ބަދަލުގައި، އާންމު ރައްޔިތުންނަށް ވަޒީފާއާއި އިގުތިޞާދީ މަންފާ ލިބޭނެ ގޮތަށް މަޝްރޫއު ފަރުމާކުރުން.
ހާމަކަން ބޮޑުކުރުން
މަޝްރޫއުގެ މައުލޫމާތުތައް ދެފުށް ފެންނަ ގޮތެއްގައި ހާމަކޮށް، ރައްޔިތުންގެ މަޖިލީހާއި މުޖުތަމައުގެ ހިޔާލާއި މަޝްވަރާ ހޯދުން.
ސަލަފުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އިޤްތިޞާދީ ތަރައްގީއަކީ ގައުމުގެ އަސާސްތަކާއި އިސްލާމީ ވަންތަކަން ޤުރުބާންކޮށްގެން ހޯދާ އެއްޗަކަށް ވެގެންނުވާނެ ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓްތަކަށް ޖާގަ ދޭންވާނީ ގައުމީ ސިޔާދަތާއި ދީނީ މަސްލަޙަތު އެންމެ އިސްކޮށް ކަށަވަރުކޮށްގެން ކަމަށެވެ.
ރަސްމާލެ ވޯޓާ ފްރަންޓު އެންޑް މެރީނާ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ސޮއިކޮށްފައި އޮތީ ކޮމާޝަލް ޓާމްސް އެއްބަސްވުމެއްގަ އެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި ޖުމްހޫރީ ދުވަހާ ދިމާކޮށް ސޮއިކުރުމަކީ އުއްމީދެއް ކަމަށް އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލް-އައްބާރު ވަނީ ވިދާޅުވެފަ އެވެ.
އީގަލް ހިލްސްއަށް ރަސްމާލޭން 500 ހެކްޓަރު ދިގު މުއްދަތަކަށް ދޭން ވަނީ ނިންމާފައި
މި ވޯޓާ ފްރަންޓު މެރީނާގައި ދުނިޔޭގެ ބޮޑެތި ބްރޭންޑުތަކުގެ ޕްރިމިއަމް ރެޒިޑެންސްތަކާއި ރިސޯޓުގެ އިތުރުން ވޯލްޑް ކްލާސް މެރީނާއަކާއި ރެސްޓޯރެންޓުތައް އަދި ވޯޓާ ފްރަންޓު ޕްރޮމެނާޑުގެ އިތުރުން ލެޝާ އަދި ވެލްނެސްއަށް ހާއްސަ ސެންޓަރުތައް ހުންނާނެ
އެކި ފޭސްތަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ އެކު ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބޭނެ ކަމަށް ލަފާކޮށްފައިވޭ
އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނޭނެ ކަމަށް ވެސް ބުނެފައިވޭ
މި މަޝްރޫއާ އެކު 54،000އެއްހާ ވަޒީފާގެ ފުރުސަތު ހުޅުވޭނެ ކަމަށް ވަނީ ބުނެފައި
އަހަރަކު މިލިއަނަކަށް ވުރެ ގިނަ މީހުން އެ ސަރަހައްދަށް ޒިޔާރަތްކޮށް ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި ހަމައެކަނި އެ ސަރަހައްދުން 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ނެރެވޭނެ ކަމަށް އީގަލް ހިލްސް އިން މީގެ ކުރިން ބުނެފައިވޭ