ސްޓްރޯކަށް މީހުން ހޭލުންތެރިކުރުވަން މާދަމާ ބާއްވާ ހަރަކާތަކާ ގުޅިގެން، ސަރުކާރުގެ މައި ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި އެ ހޮސްޕިޓަލްގެ ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވިދާޅުވީ ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން މީހަކު އެ ހޮސްޕިޓަލަށް ދާ ކަމަށެވެ.
ސްޓްރޯކުގެ އަލާމާތަކަށް ބަލާއިރު ކުއްލިއަކަށް ހަށިގަނޑުގެ ބެލެންސް ގެއްލުން، ބޯއެނބުރުން ނުވަތަ ހިނގަން އުނދަގޫވުން، ކުއްލިއަކަށް އެއްލޮލުން ނުވަތަ ދެލޮލުގެ ފެނުން ފުސްވުން ނުވަތަ ޑަބަލްކޮށް ފެނުން، ހިނިތުންވެލާއިރު މޫނުގެ އެއްފަރާތް ވާގިނެތުން ނުވަތަ އެއްކޮޅަށް ތިރިވެފައި ހުރުން، އަތް ނުވަތަ ފައިގެ ވާގިދިއުން، ދެއަތް މައްޗަށް ހިއްލާލާއިރު އެއް އަތް ތިރިއަށް ވެއްޓުން އަދި ވާހަކަދައްކާއިރު ދޫ އޮޅުން، ނުވަތަ ބުނާ އެއްޗެހި ސާފުނުވުން އަދި މީހުން ދައްކާ ވާހަކަ ވިސްނައިގަންނަން އުނދަގޫވުން ހިމެނެ އެވެ.
ސްޓްރޯކް ޖެހިއްޖެ ނަމަ އެކަމުން ސަލާމަތްވުމަށް އެންމެ މުހިއްމު ކަމަކީ އަވަސް ފަރުވާ ދިނުމެވެ. ޑރ. ރަޝީދު ވިދާޅުވީ ސްޓްރޯކް ޖެހޭތާ ލަސްވެގެން ހަތަރު ގަޑިއިރާ 30 މިނެޓު ތެރޭގައި ފަރުވާ ފެށިއްޖެނަމަ އެ މީހާގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
ސްޓްރޯކެއް ޖެހުމުން ފެންނާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި:
ސިއްހީ މާހިރުން އިރުޝާދު ދެއްވަނީ މިފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް އެންމެ އަވަހަކަށް ކައިރި ހޮސްޕިޓަލަކަށް ބަލިމީހާ ގެންގޮސް ފަރުވާ ހޯދުމަށެވެ.
ސްޓްރޯކެއް ޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބުތަކަކީ:
ލޭގެ ޕްރެޝަރު މަތިވެގެން ދިއުން އަދި ހަކުރު މަތިވުން؛ ޕްރެޝަރަށް ބޭސް ކާންޖެހޭ މީހުންނާއި ހަކުރު ބައްޔަށް ބޭސް ގަވާއިދުން ނެގުމަށް ސަމާލުވާންޖެހޭ
ހިތުގެ މައްސަލަތަކާއި ހިތުގެ ވިންދުގެ މައްސަލަތައް ހުންނަ މީހުންނަށް ރިސްކު ބޮޑު
ކޮލެސްޓްރޯލު މަތިވާ މީހުންނާއި ކިޑްނީ ބަލީގެ މީހުންނާއި ލޭގެ މާއްދާތައް ދަށްވެ މަތިވުން ފަދަ ކަންކަމުން ވެސް ސްޓްރޯކެއްގެ ނުރައްކާ ބޮޑު
ދުންފަތުގެ އިސްތިއުމާލުކުރުމާއި ހެލިފެލިވެ އުޅުން މަދުވެ ބަރުދަން އިތުރުވުމަކީ ވެސް ސްޓްރޯކަށް މަގުފަހިވާ ކަމެއް
ބައެއް ފަހަރު އިންފެކްޝަނެއްގެ ސަަބަބުން ވެސް ސްޓްރޯކެއް ޖެހިދާނެ