މިދިޔަ އޮކްޓޫބަރު 18 ވަނަ ދުވަހު ހިނގި މި ހާދިސާ ތަހުގީގުކުރަމުން އަންނަ ފުލުހުން ބުނި ގޮތުގައި، މި ހަމަލާ ރޭވީ ޖަލުގައި ހުރި ނުރައްކާތެރި ގޭންގު ލީޑަރު ލޯރެންސް ބިޝްނޯއީގެ ނެޓްވޯކުންނެވެ. އަދި މި މައްސަލައިގައި މިހާތަނަށް 12 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި ހަމަލާ ރޭވި މީހުން އެންމެ ފުރަތަމަ ފާރަލަމުން ދިޔައީ އާމިރު ހާނަށެވެ. ނަމަވެސް އާމިރު ހާންގެ ސެކިއުރިޓީ ވަރުގަދަކޮށްފައި އޮތުމާއި އޭނާ ދަތުރުފަތުރުކުރާ ގޮތް ދެނެގަންނަން އުނދަގޫވުމުން، ހަމަލާދޭނެ އެހެން އަމާޒެއްގެ ގޮތުގައި ޓައިގާ ޝްރޮފް ހަމަޖެއްސީއެވެ. ޓައިގާ ޝްރޮފަކީ ޖުހޫގައި ހުންނަ ސްޕޯޓްސް ކުލަބަކަށް ގަވާއިދުން ކަސްރަތުކުރަން ދާ މީހަކަށް ވާތީ، އޭނާ ހޯދައި ހަމަލާދިނުމަށް ފަސޭހަވާނެ ކަމަށް ބަލައި ހަމަލާގެ މިސްރާބު އޭނާއަށް ބަދަލުކުރީ ކަމަށް ތަހުގީގަށް ވަނީ އެނގިފަ އެވެ.
މި ހަމަލާ ރޭވުމުގައި އަށް މަސްދުވަހުގެ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި، ބޭނުންކުރީ ތުރުކީގައި އުފައްދާ ޒިގާނާ މަރުކާގެ އޮޓޮމެޓިކް ފިސްތޯލައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ހަތިޔާރު ހޯދާފައިވަނީ ޕަންޖާބުގެ އަމްރިތުސަރުން ކަމަށާއި، މި އޮޕަރޭޝަން ހިންގުމުގައި އިސްކޮށް އުޅުނީ ބޭރު ގައުމެއްގައި ދިރިއުޅޭ އަނިލް ޕަންޑިތު ނަމަކަށް ކިޔާ ގޭންގު މެންބަރެކެވެ. މީގެ އިތުރުން ހައްޔަރުކުރި މީހުންގެ އަތުން ފެނުނު އޯޑިއޯ ރެކޯޑިންތަކުން އެނގޭ ގޮތުގައި، މި ގޭންގުން މަސައްކަތްކުރީ 1990 ގެ އަހަރުތަކުގައި މުމްބާއީގައި އޮތް ބިރުވެރިކަން އަލުން އިއާދަކޮށް، ވިޔަފާރިވެރިންނާއި ފިލްމީ ތަރިންގެ އަތުން ފައިސާ ފޭރުމަށެވެ.
ފުލުހުންގެ އޮފިޝަލަކު މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، މި ގޭންގުގެ މައިގަނޑު އަމާޒަކީ މުމްބާއީގެ މައްޗަށް ދާއޫދު އިބްރާހިމްގެ ޑީ ކޮމްޕެނީން ފޯރުވާ ނުފޫޒު އެއްކޮށް ކަނޑުވާލައި، އެ ސިޓީގެ ކޮންޓްރޯލް އެއްކޮށް ބިޝްނޯއީ ގޭންގުގެ ދަށަށް ގެނައުން ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ އެންމެންގެ މައްޗަށް މިހާރު ވަނީ އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތައް ހުއްޓުވުމަށް ހަދާފައިވާ ހަރުކަށި ގާނޫނު، މަހާރާޝްތުރާ ކޮންޓްރޯލް އޮފް އޯގަނައިޒްޑް ކްރައިމް އެކްޓް (އެމްސީއޯސީއޭ) ގެ ދަށުން ދައުވާ އުފުލައިފަ އެވެ. އަދި މި ހާދިސާއާ ގުޅިގެން މުމްބާއީގެ ފުލުހުން ވަނީ ބޮލީވުޑްގެ ނުފޫޒުގަދަ ތަރިންގެ ސެކިއުރިޓީ ވަރުގަދަކޮށް، ފިލްމު ޝޫޓިންތައް ކުރިއަށްދާ ސަރަހައްދުތަކުގެ ސަލާމަތީ ކަންކަން ކުރިއަށްވުރެ ބޮޑަށް ހަރުދަނާކޮށްފަ އެވެ.