އަންނަ ހަފުތާގައި ހަތަރު ދުވަހުގެ ދިގު ބަންދެއް ލިބޭއިރު، ކުރިއަށް އޮތް ފަސް ދުވަހު ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ލަފާކޮށްފި އެވެ.

Advertisement
އެ އިދާރާއިން ބުނީ، ކުރިއަށްއޮތް 5 ދުވަހުވެސް ހުޅަނގު މޫސުމުގެ ބާރު ގަދަވާނެ ކަމަށް ލަފާކުރެވޭތީ، އެ ދުވަސްތަކުގައި ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކަަށް ކެރީގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.
މި މުއްދަތުގައި މޫސުން ގޯސްވި ނަމަވެސް، އާންމު ގޮތެއްގައި ވައި ގަދަވާނެ ކަމަކަށް ނުބެލެވެއެވެ. އެގޮތުން އާންމުކޮށް ވައިޖެހޭނީ ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ފާހަގަކުރެ އެވެ.
ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސް ކަމަށް ލަފާކުރިއިރު، ލިބޭ ޗުއްޓީގައި ގިނަ ބަޔަކު ދަތުރުތައް ކުރާނެއެވެ. އެހެންވެ، މޫސުމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ރާއްޖޭގައި އޮންނަ ދެ މޫސުމުގެ ތެރެއިން އިރުވައި މޫސުން އާންމުކޮށް ދެމިގެންދަނީ ޖެނުއަރީން ފެށިގެން މާޗު މަހުގެ ނިޔަލަށެވެ. ހުޅަނގު މޫސުން ދެމިގެންދަނީ މެއި މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެޕްރީލް މަހާއި ޑިސެމްބަރު މަހަކީ މޫސުން ބަދަލުވާ ފަށާ ދުވަސްވަރެވެ.