ads
މޭގަން ބައްޕައާއެކު
ކުޑަކުދިންގެ އޮރިޔާންކާޑު ގެންގުޅުނު މައްސަލައިގައި މޭގަންގެ ބައްޕަ ހައްޔަރުކޮށްފި
ކުޑަކުދިންގެ ބަދުއަހުލާގީ އަދި ޖިންސީ ގޯނާގެ މަންޒަރުތައް ހިމެނޭ ތަކެތި ގެންގުޅުނު ކަމުގެ ތުހުމަތުގައި، އިނގިރޭސި ވިލާތުގެ ޕްރިންސް ހެރީގެ އަނބިކަނބަލުން އަދި ޑަޗެސް އޮފް ސަސެކްސް މޭގަން މާކަލްގެ ބައްޕަ، ތޯމަސް ވޭން މާކަލް ސީނިއާ އެމެރިކާގެ ތަހުގީގީ އިދާރާތަކުން ހައްޔަރުކޮށްފި އެވެ.
Advertisement

މޭގަންއަކީ ކުރިން އެމެރިކާގެ އެކްޓަރެކެވެ.

އުމުރުން 82 އަހަރުގެ ތޯމަސް މާކަލް ހައްޔަރުކޮށްފައިވަނީ އެމެރިކާގެ ފްލޮރިޑާގެ ޓާމްޕާ ސަރަހައްދުގައި އޭނާ ދިރިއުޅެމުންދިޔަ ދޮށީ އުމުރުގެ މީހުން ބަލަހައްޓާ މަރުކަޒެއްގެ ކައިރިން، ފެޑެރަލް އޭޖެންޓުން ހިންގި ހާއްސަ އޮޕަރޭޝަނެއްގަ އެވެ.

މި މައްސަލައިގެ ތަހުގީގު ފެށިގެން އައީ ފިލިޕީންސްގައި ހުރި ތޯމަސް މާކަލްގެ ކުރީގެ ގެއެއް ހުސްކުރުމުގެ މަސައްކަތުގެ ތެރޭގައި އޭނާގެ ދަރިފުޅު، ތޯމަސް މާކަލް ޖޫނިއާއަށް ކުޑަކުދިންގެ ބަދުއަހުލާގީ މަންޒަރުތައް ހުރި ފޮށިތަކަކާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފެނިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރުމާ ގުޅިގެންނެވެ. އެ މައުލޫމާތާ ގުޅިގެން އެމެރިކާގެ ތަހުގީގީ އިދާރާތަކުން ވަނީ ފުޅާ ދާއިރާއެއްގައި އޭނާގެ މައްޗަށް ތަހުގީގު ފަށާފައެވެ.

އެ ތަހުގީގަށް ލިބުނު މައުލޫމާތުތަކަށް ބިނާކޮށް، އެފްބީއައިގެ އޭޖެންޓުން ވަނީ ލޮސް އެންޖެލިސް ސަރަހައްދުގައި ގާތްގަނޑަކަށް ވިއްސަކަށް އަހަރު ވަންދެން ތޯމަސް މާކަލް ސީނިއާ ކުއްޔަށް ހިފައިގެން ބޭނުންކުރަމުން ދިޔަ ދެ ސްޓޯރޭޖް ޔުނިޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފަ އެވެ. މި ބަލައިފާސްކުރުމުގެ ތެރޭގައި ސްލައިޑްތަކާއި، ފިލްމު ނެގަޓިވްތަކާއި، ފޮތްތައް ހިމެނޭ ގޮތަށް ގާތްގަނޑަކަށް 78 އައިޓަމެއް ވަނީ ތަހުގީގީ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ ތެރެއިން ބައެއް މަންޒަރުތަކުން ކުޑަކުދިންނާ އެކު ތޯމަސް މާކަލް އަމިއްލައަށް ހަރަކާތްތެރިވާ މަންޒަރު ފެންނަ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް އިން އާންމުކުރި ބަޔާނުގައި ބުނީ، ތޯމަސް މާކަލް ސީނިއާގެ މައްޗަށް އުފުލާފައިވަނީ ކުޑަކުދިންގެ ބަދުއަހުލާގީ މަންޒަރު ގެންގުޅުމުގެ ފެޑެރަލް އެއް ދައުވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ ކެލިފޯނިއާގެ ސެންޓްރަލް ޑިސްޓްރިކްޓް ކޯޓަށް ހުށަހެޅުނު ޖިނާއީ ޝަކުވާއަކާ ގުޅިގެން ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ، ފެޑެރަލް ގާނޫނުތަކުގެ ދަށުން ގިނަވެގެން 20 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ. މޭގަން އާއި އޭނާގެ ބައްޕަ ތޯމަސް މާކަލްއާ ދެމެދު އެއްވެސް ގުޅުމެއް ނޯންނަތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، މި ހައްޔަރާ ގުޅިގެން ޑަޗެސް އޮފް ސަސެކްސް އަދި އިނގިރޭސި ޝާހީ އާއިލާއިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް