މިއަދު ފާހަގަކުރާ ހަކުރު ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ އެ އެޖެންސީއިން 30 އޮކްޓޯބަރ 2026 އާ ހަމައަށް ރާއްޖޭގެ ހޮސްޕިޓަލްތަކުން އެއްކުރެވިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ޓައިޕް 1 ޑައިބެޓީސްގެ 300 ބަލި މީހުން އެބަތިބި ކަމަށެވެ. އަދި ޓައިޕް 2 ޑައިބެޓީސްގެ 7000 ބަލި މީހުން ތިބިއިރު މާބަނޑު ދުވަސްވަރު ހަކުރު މައްޗަށް ގޮސްގެން އަހަރަކު 250 އެއްހާ މީހުން ބައްޔަށް ފަރުވާ ކުރަމުންދާކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
ރާއްޖޭގެ އާބާދީގެ މިހާރުގެ ސިއްހީ ހާލަތަށް ބަލާއިރު، ގައިންގަޔަށް ނާރާ ބަލިތަކަކީ ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް އެޗްޕީއޭއިން ބުނެއެވެ. މިގޮތުން އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް 85 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގެ ސަބަބުން މިދުނިޔެ ދޫކޮށްފައިވާ ފަރާތްތައްކަމަށް އެޗްޕީއޭއިން ބުނެއެވެ. މީގެ ތެރެއިން ތިންވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބަކީ ހަކުރު ބަލިކަމަށްވެސް އެޗްޕީއޭއިން ބުނެ އެވެ.
ހަކުރު ބައްޔަކީ ލޭގައި ހަކުރު ހުންނަންވާ މިންވަރަށްވުރެ އިތުރުވުމުން ދިމާވާ ސިއްހީ މައްސަލައެކެވެ. ހަކުރު ބަލީގެ ދެ ވައްތަރެއް ވެއެވެ. އެއީ "ޓައިޕް 1 ޑައިބެޓީސް" އަދި "ޓައިޕް 2 ޑައިބެޓީސް" އެވެ. ޓައިޕް 1 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން ބޭނުންވާ ވަރަށް ނުއުފެއްދުމުގެ ސަބަބުން ޖެހޭ ހަކުރު ބައްޔެވެ. އަދި ޓައިޕް 2 ޑައިބެޓީސް އަކީ ހަށިގަނޑުގައި އިންސިއުލިން އުފެއްދި ނަމަވެސް ހަށިގަނޑު މާ ބޮޑަށް ފަލަވެ، ބަރުދަން ހުންނަން ޖެހޭ މިންވަރަށް ވުރެ އިތުރުވެ، ހެލިފެލިވެ އުޅުން މަދުވުމާ ގުޅިގެން، ހަށިގަނޑުން އުފައްދާ އިންސިއުލިން ބޭނުން ނުކުރެވޭތީ ޖެހޭ ހަކުރު ބައްޔެވެ. އަދި މިއީ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައިވެސް، ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެހިދާނެ ބައްޔެކެވެ.
މީގެ އިތުރުން ވެސް އާއިލާގައި ހަކުރުބަލީގެ މީހުން ތިބުމާއި، ދުންފަތުގެ އިސްތިޢުމާލު ކުރުމާއި، ދުންފަތުގެ ދުމަށް ހުށަހެޅުމާއި، މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުމަކީ މިބަލި ޖެހުމަށް މަގުފަހިވާ ކަމެކެވެ. ނަމަވެސް ހަކުރު ބައްޔަކީވެސް ގައިންގަޔަށް ނާރާ އެހެން ބަލިތަކެކޭ އެއްފަދައިން ދުރާލާ ދިރިއުޅުމުގެ ވައްޓަފާޅިއަށް ސަމާލުކަން ދެވިއްޖެނަމަ ރައްކާތެރި ވެވިދާނެ ބައްޔެކެވެ. ރައްކާތެރިވެ ތިބުމުގެ ގޮތުން ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި؛