ads
މިރޭ އާޓިފިޝަލް ބީޗްގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ތެރެއިން. ފޮޓޯ: ސޯޝަލް މީޑިއާ
އީގަލް ހިލްސްއަށް ރަސްމާލެ މަޝްރޫއު ދިނުމާ ދެކޮޅަށް މާލޭގައި އެއްވުމެއް ބާއްވައިފި
ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީކުރާ ރަސްމާލެއިން ބައެއް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ގައުމީ ހަރަކާތުން" މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ރޭ އެއްވުމެއް ބާއްވައިފި އެވެ.
Advertisement

"ދިވެހިންގެ ބިން ދިވެހިންނަށް" ނަމުގައި ބޭއްވި އެ އެއްވުމުގައި އިދިކޮޅު ސިޔާސީ ބައެއް ލީޑަރުން ބައިވެރިވެވަޑައިގެންފައިވެ އެވެ.

އެ އެއްވުމުގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، މި ދަނޑިވަޅަކީ ޕީއެންސީގެ މެމްބަރުންނާއި މަޖިލިސް މެމްބަރުން އަދި ފުލުހުންނާއި ސިފައިން ވެސް ބަސް ބުނަންޖެހިފައިވާ ވަގުތެއް ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު މި ސަރުކާރު ނޫން ކޮންމެ ބަޔަކު ކާމިޔާބު ކުރި ނަމަވެސް، އީގަލް ހިލްސްއާ އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރާނެ ކަމަށާއި އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެއީ ރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެން ހަދާފައިވާ އެއްބަސްވުމެއް ނޫން ކަމަށާއި، 500 ހެކްޓަރުގެ ބޮޑު ބައެއް ދޭން ނިންމާފައިވާއިރު އެއީ މިހާރުގެ އަގުން ބަލާނަމަ 400 އާއި 500 ބިލިއަން ރުފިޔާގެ އަގުބޮޑު ބިމެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"މި ބިން އެމީހުންނަށް ދީފައި އޮތަސް އަނބުރާ ގެންނާނެ. ބަދަލެއް ވެސް ނުދޭނެ. މިއީ ދިވެހިރާއްޖޭގެ ގާނޫނުތަކަށް ފައްތައިގެންދޭ ބިމެއް ނޫން،" ކުރީގެ ރައީސް ޔާމީން 

އެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު އަދަލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ފުރުސަތު ދީފިނަމަ ރާއްޖޭގައި ސިޔާސީ ޕާޓީއެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން، ސިޔާސީ ކެމްޕެއިންތައް މަޑުޖައްސާލައި، ސިޔާސީ ލީޑަރުންގެ މެދުގައި ހުރި ތަފާތުތައް އެއްފަރާތްކޮށް އެ މަޝްރޫއާ ދެކޮޅަށް ތެދުވަން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ، ގާނޫނުއަސާސީގެ 10 ވަނަ މާއްދާގައި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ބަޔާންކޮށްފައި އޮންނައިރު، ރަސްމާލޭގައި ނުވަތަ އެހެން ރަށެއްގައި ވިޔަސް ބޭރު ދީންތަކުގެ މީހުން އާބާދުކޮށް ރަށްވެހިންނަށް ހެދުމުން އެމީހުން ބަދަލުވަނީ ދައުލަތުގެ ބަޔަކަށް ކަމަށެވެ. މިއީ ރާއްޖެ ދެމިއޮތުމާއި ނެތުމާ ގުޅިފައިވާ ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވި އެވެ.

އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ރައްދު ދެއްވައި، ރައީސް އޮފީހުގެ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ، އިދިކޮޅުން މަސައްކަތް ކުރަނީ ހަގީގަތް އެނގިތިބެ އޮޅުވާލައިގެން ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ކަމަށެވެ. އަދި މި މަޝްރޫއުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ ދިވެހި ސަރުކާރަށް ކަމަށާއި، ރަސްމާލޭގެ ބިމުން އާންމުންނަށް ދޫކުރާ ގޯއްޗާއި ފްލެޓްތަކުގައި މީހުން ދިރިއުޅެން ފަށަންވާއިރަށް އެތަނަކީ އަވަހަށް ތަރައްގީ އަންނަ ތަނަކަށް ހެދުމަށްޓަކައި އީގަލް ހިލްސްގެ އިންވެސްޓްމަންޓެއް ކުރިއަށް ގެންދަން ނިންމެވި ކަމަށް ވިދާޅުވި އެވެ. ރިސޯޓުތައް ހިންގަން 99 އަހަރަށް ބިން ދޭ އުސޫލުން މި މަޝްރޫއު ވެސް ކުރިއަށް ގެންދަނީ މުއްދަތު ހަމަވުމުން ދައުލަތަށް ނެގޭ ގޮތަށް ނުވަތަ މުއްދަތު އިތުރުކުރެވޭ ގޮތަށް ކަމަށް ރައީސް ވިދާޅުވި އެވެ.

ރަސްމާލޭގެ 500 ހެކްޓަރުގެ ބިން އީގަލް ހިލްސްއަށް ދެނީ ވޯޓާފްރޮންޓް އަދި މެރީނާ މަޝްރޫއެއް ހިންގުމަށެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ވެސް އެޑްވާންސްކޮށް 5،000 ހައުސިން ޔުނިޓް (ގާތްގަނޑަކަށް 500 މިލިއަން ޑޮލަރު ނުވަތަ 7.7 ބިލިއަން ރުފިޔާ) ދައުލަތަށް ލިބޭނެ އެވެ.

މީގެ އިތުރުން، މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވި ރިއަލް އެސްޓޭޓް ބިލުގައިވާ ގޮތުން، ރާއްޖެއަށް އެތެރެވުމުގެ ހުއްދަ ނެތް މީހުންނަށާއި، އިޒްރޭލުގެ ރަށްވެހިކަން ނުވަތަ ޑުއެލް ސިޓިޒެންޝިޕް އޮންނަ މީހުންނަށް ރަސްމާލޭގެ އިންޓަގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯނުން ޕްރޮޕަޓީ ނުގަނެވޭނެ އެވެ. އަދި ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އިން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ ފަރާތްތަކަށް ވެސް ރާއްޖެ އެތެރެވުން މަނާވާނެ ގޮތަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް