އިންސްޓަގްރާމުގައި ސުހާނާ ހިއްސާކުރި މި ވީޑިއޯއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝީރަން ކިޔާފައިވާ ބައެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމުގެ ލަވައަކަށް ތައްޔާރުވަމުން ދިޔަ ވަގުތު ނަގާފައިވާ ބީޓީއެސް ވީޑިއޯއެކެވެ.
ސުހާނާގެ މި ވީޑިއޯ ސޯޝަލް މީޑިއާއަށް ދޫކޮށްލުމާއެކު، އޭނާ އެ ލަވަ ކިޔާލި ފަރިތަކަމާއި ރީތިކަން ފެނިފައި ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ. އެޑް ޝީރަން ވަރަށް ބާރަށް އަދި އަވަސް އަވަހަށް ކިޔާފައިވާ އިނގިރޭސި ބައިތަކާ އެއްވަރަށް ސުހާނާ ވަރަށް ފަރިތަކަމާއެކު ލަވަކިޔާ މަންޒަރު މި ވީޑިއޯއިން ފެނިގެންދެއެވެ.
މި ވީޑިއޯ ފެނިފައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ ބައްޕަ ޝާހްރުކް ޚާން ކުރި ސަމާސާ ކޮމެންޓަށެވެ. ޝާހްރުކް ބުނެފައިވަނީ އެޑް ޝީރަން އެހާ އަވަހަށް ލަވަ ކިޔާއިރު، އޭގެ ބަސްތައް ސުހާނާ ހަނދާން ބެހެއްޓީ ކިހިނެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އޭނާއަށް އެ ލަވައިގެ ބަސްތައް ދަސްކުރުމަކީ ވަރަށް އުނދަގޫވި ކަމެއް ކަމަށް ވެސް ޝާހްރުކް ވަނީ ބުނެފައެވެ.
ޝާހްރުކްގެ މި ކޮމެންޓާއެކު ފޭނުން ވަނީ ބައްޕައާއި ދަރިފުޅުގެ ދެމެދުގައި އޮތް ލޯތްބާއި އެކުވެރިކަމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި އެ ވާހަކަ ދައްކަން ފަށާފައެވެ. ސިދާތު އާނަންދު ޑައިރެކްޓްކުރާ "ކިންގް" އަކީ ބޮޑު ސްކްރީނުން ބައްޕައާއި ދަރިފުޅު އެކުގައި ފެންނާނެ ފުރަތަމަ ފިލްމަށް ވުމުން، ގިނަ ބަޔަކު މިހާރު ތިބީ މި ފިލްމު ބަލާލުމަށް ވަރަށް ބޮޑަށް އިންތިޒާރުގައެވެ.