އެ ހޮސްޕިޓަލުން ހުސްވެފައިވަނީ ރައްކާތެރިކަމާއެކު ލޭ އަޅައިދިނުމަށްޓަކައި ތެލަސީމިއާ ބަލިމީހުންނަށް ކޮންމެހެން ބޭނުންވާ، ހިލޭ ފޯރުކޮށްދެމުން އައި 'ލޫކޯސައިޓް ފިލްޓަރ ސެޓް' ތަކެވެ. މި ތަކެތި ހޮސްޕިޓަލުގެ ސްޓޮކުން ހުސްވުމުގެ ސަބަބުން، ރައްކާތެރިކަމާއެކު ލޭ އެޅުމުގެ މަރުޙަލާ ކުރިއަށް ގެންދިއުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފަ އެވެ.
އާންމު ޞިއްހަތާ ބެހޭ އެކްޓިވިސްޓުން ވަނީ މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފަ އެވެ. އެފަރާތްތަކުން ފާހަގަކުރި ގޮތުގައި، ހޮސްޕިޓަލުން މި ތަކެތި ލިބެން ނެތުމުގެ ސަބަބުން ބަލިމީހުންނާއި އެމީހުންގެ އާއިލާތަކަށް ވަނީ އަމިއްލަ ހަރަދުގައި އަގުބޮޑުކޮށް މި ތަކެތި ބޭރުން ގަންނަން މަޖުބޫރުވެފަ އެވެ.
މިފަދަ އަގުބޮޑު ވަސީލަތްތައް އަމިއްލައަށް ގަންނަން ޖެހުމަކީ ތެލަސީމިއާ ބަލިމީހުންނަށް މާލީ ގޮތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭ ކަމެކެވެ. ޚާއްޞަކޮށް ޤަވާއިދުން ލޭ އަޅަންޖެހޭ މިފަދަ ބަލިމީހުންނަށް ހިލޭ ލިބެންޖެހޭ ޚިދުމަތްތައް މެދުކެނޑުމަކީ އެމީހުންގެ ޞިއްޙީ ރައްކާތެރިކަމަށް އޮތް ބޮޑު ނުރައްކަލެކެވެ.