އެކޯޓުން މި ހުކުމް އިއްވާފައިވަނީ އެރަށު ސްޓެއްލާ އަހްމަދު ނާފިއުގެ މައްޗަށެވެ.
މީނާގެ މައްޗަށް ދައުލަތުން ދައުވާކުރި ދައުވާގައި ބުނެފައިވަނީ ޖޫން 21، 2024؛ ގައި އޮމަދޫ ސިއްހީ މަރުކަޒުގައި އިންނަ ޑޮކްޓަރަކަށް ދައްކަން ގޮސް ތަދުކަނޑުވައި އިންޖެކްޝަނެއް ޖަހަން އެދުމުން އޭގެ ބަދަލުގައި ޑޮަކްޓަރު މީނާއަށް ބޭސް ދިނުމުން އެކަމާއި ހިތްހަމަ ނުޖެހިގެން ޑޮކްޓަރު މަރާލާނެކަމަށް ބުނެ އިންޒާރު ދީފައިވާކަމަށެވެ. މީގެ އިތުރުން މީނާ ވަނީ އެރަށު ޕޮލިސް ޕޯސްޓުގައި ހުޅު ޖަހާނެކަމަށް ބުނެ ފުލުހުންނަށްވެސް ބިރު ދައްކާފައެވެ.
މި ދެ މައްސަލާގައި މީހާގެ މައްޗަށް ދައުލަތުން ކުރީ އެވަގުތު އަނިޔާއެއް ދީފާނެކަމުގެ ބިރު ދެއްކުމުގެ ކުށުގެ ދައުވާ އެވެ. މިދިޔަ ސެޕްޓެމްބަރުމަހު އޮމަދޫ ކޯޓުން މި ދެ މައްސަލަ ނިންމާ އިއްވި ހުކުމުގައި ވަނީ އެމީހާގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް ކަނޑައެޅި ޖަލުހުކުމްތައް ޖޫރިމަނާތަކަށް ބަދަލުކޮށްދީ ފައެވެ.
އެގޮތުން ޑޮކްޓަރަށް އިންޒާރުދިން މައްސަލަ ސާބިތުވެ އެމީހާ 22 ދުވަހަށް ޖަލަށްލުމަށް ހުކުމްކުރި އެވެ. އެހެންނަމަވެސް މި ހުކުމްވަނީ 4،500 ރުފިޔާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ. ފުލުހުންގެ ޕޯސްޓުގައި ރޯކޮށްލާނެކަމަށް ބުނެ ފުލުހުންނަށް އިންޒާރު ދިން މައްސަލާފައި އޭނާގެ މައްޗަށް އިއްވީ ދޮޅު އަހަރުގެ ޖަލު ހުކުމެކެވެ. އެހެންނަމަވެސް މި ހުކުމް ވަނީ 112،200 ރުފިޔުާގެ ޖޫރިމަނާއަކަށް ބަދަލުކޮށްފަ އެވެ. އެހެންކަމުން ދެ މައްސަލާގައި އޭނާ ޖަލު އަދަބުން ސަލާމަތްވެ ޢެނާ ދައްކަންޖެހޭ ޖޫރިމަނާގެ އަދަދު 116،700 ރުފިޔާއަށް ވަނީ ބަދަލުވެފަ އެވެ.
މި މައްސަލައިގެ އަޑުއެހުމުގައި ވާހަކަ ދައްކަމުން މި މި މީހާ ބުނެފައިވަނީ އެ ހާދިސާތައް ހިނގި ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަދި ރުޅިގަދަވެ އަޑުގަދަކޮށް ހަޅޭއްލަވައިގަނެވުނީ އަޅަމުންދިޔަ ވޭނަށް ކެތްނުކުރެވިގެން ކަމަށްވެސް އެމީހާ ވަނީ ކޯޓުގައި ބުނެފަ އެވެ.