ޔޫކްރޭންގެ ސައިބަރ ޕޮލިހުން ވަނީ މި ނެޓްވޯކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ރެއިޑްތަކެއް ކުރިއަށް ގެންގޮސްފައެވެ. ތަހުގީގަށް އެނގިފައިވާ ގޮތުގައި، މި ނެޓްވޯކުން މީހުންނަށް އޮޅުވާލުމަށްޓަކައި ބޭނުންކޮށްފައިވަނީ މާލީ އިރުޝާދުދޭ އެޑްވައިޒަރުންގެ ނަމެވެ. އަދި މީހުންގެ އިތުބާރު ހޯދައިގެން، ސައްހަ ނޫން ފޭކު ކްރިޕްޓޯ އިންވެސްޓްމަންޓް ޕްލެޓްފޯމްތަކަށް ފައިސާ އިންވެސްޓްކުރުމަށް ވަނީ ހައްލާފައެވެ.
މި ކޯލް ސެންޓަރު ނެޓްވޯކް ބޭނުންކޮށްގެން ޔޫރަޕުގެ ގިނަ އަދަދެއްގެ މީހުންނަށް ގުޅައި، މާލީ އެޑްވައިޒަރުންގެ ގޮތުގައި މުއާމަލާތްކޮށް، ކްރިޕްޓޯކަރަންސީގެ މާކެޓްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ ވަނީ އޮޅުވާލުންތައް ހިންގާފައެވެ. ނަމަވެސް، އެ މީހުން ބޭނުންކުރި ޕްލެޓްފޯމްތަކަކީ އެއްވެސް އަސާސެއް ނެތް، ފައިސާ އަތުލުމަށް ހަދައިގެން އުޅުނު ފޭކު ޕްލެޓްފޯމްތަކެކެވެ.
ޔޫކްރޭންގެ ސައިބަރ ޕޮލިހުން ވަނީ މި ހާއްސަ އޮޕަރޭޝަނުގައި ފޭކު ކޯލް ސެންޓަރުތައް ހިންގުމުގައި އިސްކޮށް އުޅުނު ހަތަރު މީހުން އަތުލައިގަނެ، އެ ނެޓްވޯކުގެ ހަރަކާތްތައް ހުއްޓުވާފައެވެ. މި މައްސަލައިގައި ގެއްލުންވި ޔޫރަޕުގެ ވިކްޓިމުންގެ އަތުން ގެއްލުނު ފައިސާގެ ޖުމްލަ އަދަދު 5 މިލިއަން ޑޮލަރަށްވުރެ މަތިވާކަމަށް ޕޮލިހުން ވަނީ ކަށަވަރުކޮށްދީފައެވެ.