ads
ކުރީގެ ރައީސުން
ޖުމްހޫރީ ވެރިކަމެއް ހިނގާކަން ކަށަވަރު ކުރަން- ފެންނަ ނުފެންނަ ނެގުމުގެ ބާރު ރައްޔިތުންނަށް!
ވޯޓުން ހޮވާ "ހާދިމް" ވޯޓުން ބަލިކޮށް، އަދުލާ ހިލާފަށް ކަންތައް ކުރާ މީހާގެ ރިކޯލް ނެގޭ ތަން ފެނުމަކީ ޖަވާބުދާރުވުމުގެ އެންމެ އަސާސީ އުންސުރެވެ. ރައްޔިތުން ނިންމާ ނިންމުންތަކަކީ ޑިލޭ ނުވެ، ރައްޔިތުން ފުރިހަމަ އަށް ބަލައިގަންނަ ނިންމުންތަކަކަށް ވާން ޖެހެ އެވެ. "އިންތިހާބީން" އިސްލާހު ކުރަން، ޖަވާބުދާރު ވުމުގެ އޮނިގަނޑު އިސްލާހުކޮށް، ގޮތްނިންމުމުގައި ފެންނަ ނުފެންނަ ނެގުމުގެ ބާރު ރައްޔިތުންނަށް އޮތުމުގެ އިންތިޒާމް ހަމަޖައްސަން ލަސްވެއްޖެ އެވެ.
Advertisement

ޖުމްހޫރީ ދައުލަތެއްގެ މާނައަކީ ރައްޔިތުންގެ ވެރިކަމެއް ކުރާ ދައުލަތެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ވެރިކަމެކެވެ. ރައްޔިތުން އިންތިހާބު ކޮށްގެން ރައްޔިތުންނަށް ޓަކައި ރައްޔިތުން އެދޭގޮތަށް ސަރުކާރު ހިންގާ ވެރިކަމެވެ. ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ކަމެއްވެސް ނިންމާނީ ރައްޔިތުން އެކަމަށް ކަނޑައަޅާ އުސޫލުތަކުންނެވެ. އެ އުސޫލުތައް ވާނީ އެ ގައުމެއްގެ ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ރައްޔިތުންގެ ރައްކާތެރިކަމާއި ހައްގުތައް ކަށަވަރު ކުރެވޭނެ ގޮތައް ބަޔާންވެ އެނގެން އޮންނަ އުސޫލުތަކަކަށެވެ. މި އުސޫލުތަކުގެ އެންމެ ބޮޑު އުންސުރަކީ ގޮތް ނިންމުމުގައި ފެންނަ ނުފެންނަ ނެގުމުގެ ބާރު ރައްޔިތުންނަށް އޮތުމެވެ. މީ ޖުމްހޫރީ ވެރިކަމެއް ހިނގާކަން ކަށަވަރު ކުރަން މިއީ މިއަދު ކޮންމެހެން ގެންނަންޖެހޭ ބަދަލެކެވެ. އެއީ އޮންނަ ކޮންމެ ސަރުކާރެއްގެ މައްޗަށް ވެސް ސީދާ ރައްޔިތުންގެ ބަސް ބުނެ ގޮތް ނިންމަން އޮންނަން ޖެހޭނެ ލާޒިމް ވެގެންވާ ކަމެކެވެ.

ރައްޔިތުންގެ އާންމު ވޯޓުގެ ވަރަށް ތަނަވަސް އަގްލަބިއްޔަތަކުން އިންތިހާބުކޮށް 1978 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުންފެށިގެން ރައީސުލް ޖުމްހޫރިއްޔާކަމުގެ މަގާމަށް އިސްވެވަޑައިގަތް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް. 30 އަހަރުގެ ދިގުވެރިކަމަކަށްފަހު ރައްޔިތުންގެ ފުރިހަމަ އަގްލަބިއްޔަތު ލިބިގެން މިހާރު ރާއްޖޭ ހިގަމުން އަންނަ ސަރުކާރުތަކުގެ ވެރިންގެ ފުށުން އަދިވެސް ފަސްޖެހުން ފެނިގެން މި ދަނީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ރައްޔިތުންގެ ފެންނަ ނުފެނަ އަހާށެވެ. އަބަދު ވެސް އިސް ކުރަނީ ހިންގުމާ ހަވާލުވާ މީހުންގެ (ވެރިންގެ) މަސްލަހަތެވެ. ނަމަވެސް އަދުގެ ސިޔާސީ ހަގީގަތަކީ މިކަން ލަސްކޮށްގެން ސިޔާސީ އިސް މީހުން ތިބޭ ތިބުމަކީ އެ މީހުން ގައުމަށްވާ "އެންމެ ބޮޑު ގައްދާރުވުމަށް" ނުވާނެހެއްޔެވެ؟

ދައުލަތުގެ ވަސީލަތްތަކުން ސިޔާސީ މީހުން ނުހައްގު މުއްސަނދިކަން ހޯދާކަމުގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާ ކަމުގެ އަޑު މިއަދު ގަދަވެއްޖެ އެވެ. ރައީސް މައުމޫނުގެ 30 އަހަރު ދުވަހުގެ ތެރޭގައި ގައުމަށް ނުލިބޭ ވަރުގެ ގެއްލުން ގައުމަށް ލިބުނުކަމުގެ ޝަކުވާ ވެސް ބޮޑު ވެއްޖެ އެވެ. މިކަމުގެ އެއް ހައްލަކީ ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ގޮތްނިންމުމުގައި ފެންނަ ނުފެންނަ ނެގުމުގެ ބާރު ރައްޔިތުންނަށް އޮތުމާއިއެކު، ރިކޯލްގެ ބާރު ރައްޔިތުންނަށް ދިނުމެވެ. މީ ހަމައެކަނި ސިޔާސީންނަށް ބިރު ދައްކަން ކުރާ ކަމެއް ނޫނެވެ. އެއީ ގާނޫނު އަސާސީގެ މާއްދާ 4 ގައި އެ ބުނާ މަސްދަރު "ރައްޔިތުންގެ ބާރުވެރިކަން" ކަށަވަރުކޮށް، ގައުމުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ.

ދިވެހި ރައްޔިތުން ހައްގުތަކާއި ކަންކަން ބޭނުންވެގެން ނިކުމެ އަޑުއުފުލައިގެން ދިވެހިރާއްޖެއަށް ގެނެވުނު ހަގީގީ ބަދަލެއް ގެނެވުނީ 2008 ގެ ގާނޫނުއަސާސީންނެވެ. މީގެ ކުރިން ރައްޔިތުންނަށް ނުލިބޭ އެތައް ހައްގެއް ލިބުނީ އެ ގާނޫނުއަސާސީގެ ދަށުންނެވެ. ނަމަވެސް ނުލިބުނީ ރައްޔިތުން ޝާމިލުވުން އޮތް ހަގީގީ ޖުމްހޫރީ ވެރިކަމެކެވެ. ދިވެހިރާއްޖޭގެ ޖުމްހޫރީ ނިޒާމަކީ ރައްޔިތުންގެ ފަރާތުން އިންތިހާބުކުރާ މަންދޫބުންގެ މައްޗަށް ބިނާވެފައިވާ ނިޒާމެކެވެ. ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ އަޑާއި އިހުސާސްތައް އެންމެ ސީދާ ގޮތެއްގައި ތަމްސީލުކޮށްދޭ މަންދޫބުންގެ މައްޗަށް އެކުލެވޭ މުއައްސަސާ އެވެ.

ނަމަވެސް، އިންތިހާބުކުރާ މެންބަރުންގެ ޒިންމާދާރުކަން ކުޑަވުމާއި، ރައްޔިތުންނަށް "ފިލައިގެން" އުޅުމާއި ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އަމަލުތައް ފެންމަތިވުމާއެކު، މެންބަރުން ވަކިކުރުމުގެ ބާރު ނުވަތަ "ރިކޯލް ވޯޓު" ނެގުމުގެ ފުރުސަތު ރައްޔިތުންނަށް ދިނުމާއިއެކު ގައުމީ މަސްލަހަތު ހިމެނޭ ކަންކަމުގައި ފެންނަ ނުފެންނަ ނެގުމުގެ ބާރު ރައްޔިތުންނަށް އޮތުމަކީ މިއަދު ގައުމީ ފެންވަރުގައި ބަހުސްކުރަން ޖެހިފައިވާ މުހިންމު މައުލޫއެއް ކަމަށް ގިނަ ރައްޔިތުން ތަމްސީލުވާ ހޮޅުއަށި ތަކުގައި އަންނަނީ ބުނަމުން ނެވެ. އަދި މިކަމަށް ގާނޫނޫ ފަންނުގެ މީހުން ވެސް އެއްބަސް ވެއެވެ.

ގާނޫނީ ފަންނުގެ ދާއިރާގެ ބޭފުޅަކު ވިދާޅުވީ މަޖިލިސް މެމްބަރުން ހިމެނޭހެން އިންތިހާބީން ޒިންމާ އަދާނުކުރާ ކަމަށް އެ ދާއިރާއެއްގެ ރައްޔިތުންނަށް ގަބޫލުކުރެވޭ ނަމަ، އެ މީހަކު އެ މަގާމުގައި ބަހައްޓަން ފެނޭތޯ ނުވަތަ ނޫންތޯ ބަލަން އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނަގަން ގާނޫނު އަސާސީއަށް އިސްލާހު ގެނައުން މުހިންމު ކަމަށެވެ. 

މިފަދަ ވޯޓަށް ވޯޓުތަކަށް ކިޔަނީ ރިކޯލް ވޯޓު ނުވަތަ ރިކޯލް ރިފަރެންޑަމް، މަގާމަށް އިންތިހާބުވާ ފަހުން އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ވިސްނުންތަކަށް ބަދަލުތަކެއް އައިސްފާނެ. އެކަމަކު ރައްޔިތުންނަށް މިޖެހެނީ ފަސް އަހަރުވެ، ދައުރު ހަމަވަންދެން މަޑުކުރަން. އެކަމަކު ރިކޯލް ވޯޓަކަށް ދެވޭ ނަމަ ރައްޔިތުންނަށް އެ ތަނަވަސް ވަނީ އިތުރު ބާރު" އޭނާ ވިދާޅުވި އެވެ.

މުޅި ރާއްޖޭގެ ހިންގުމުގެ ނިޒާމް ރަނގަޅުވާން އޮތް އެއް ގޮތެއް ކަމަށް ފެންނަނީ ކުރިއަށް އޮތް 10 އަހަރު ނަމަވެސް އިންތިހާބުގައި ވާދަ ނުކުރާ މީހުން އިސްވެތިބެ އިސްލާހީ ހަރަކާތެއް ފަށާ ރާއްޖޭގެ ހިންގުމުގެ އޮނިގަނޑު ދިރާސާކޮށް ގާނޫނޫ އަސާސީ އަށް ބޮޑެތި ބަދަލު ތަކެއް ގެނެސް ގެންނެވެ.

އެގޮތުން ގާނޫނު އަސާސީ އިސްލާހުކޮށް ދައުލަތް ހިންގުމުގެ އޮނިގަނޑު އަލުން ތަރުތީބު ކުރުމަށް ގެނެވިދާނެ ބައެއް އިސްލާހުތައް "އެދޭ ރާއްޖެ" ހަރަކާތުން މިހާރު ވަނީ ރައްޔިތުންގެ ހިޔާލަށް ދޫކޮށްލައިފަ އެވެ.

ހިންގުމުގެ އޮނިގަނޑެއް އެކަށައަޅައި، ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުންކަން ޔަގީން ކުރުމަށް ގާނޫނު އަސާސީގައި ހިމެނުމަށް ގޮވާލާ މައިގަނޑު އެއް ކަންކަމަކީ "އިންތިހާބީ ދައުރުގައި ސިޔާސީންގެ ރިކޯލްއެއް ނެގުމުގެ ދުސްތޫރީ ބާރުވެރިކަން ރައްޔިތުންނަށް ހޯދުން"

ހުށަހެޅުން:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމަށާއި ދާއިރާތަކުގެ ބަދަލުގައި އެންމެ ކުޑަވެގެން މުޅި އަތޮޅުން/ ސިޓީން ވޯޓްލައިގެން މެމްބަރުން އިންތިހާބު ކުރާގޮތަށް ހަމަޖައްސައި، އިންތިހާބުން ހޮވޭ މީހުން ޖަވާބުދާރީވާން ލާޒިމް ކުރުމާ އެކު ރިކޯލް ވޯޓް ނެގުމާއި އިންތިހާބީ ނިޒާމު މިހާރަށްވުރެ ވަރުގަދަ ކުރުމަށް

ނަތީޖާ:

  • މަޖިލީހުގެ މެމްބަރުންގެ އަދަދު ހައްދެއްނެތް މިންވަރަށް އިތުރުވަމުން ނުދިޔުމާއި، މަދު ބައެއްގެ މައްޗަށް ނާޖާއިޒު ނުފޫޒު ފޯރުވައިގެން އިންތިހާބު ކާމިޔާބު ކުރާ ކަމަށް ކުރާ ތުހުމަތުތައް މަދުވުމާއި އިންތިހާބީ މީހާ ފިލައިގެން އުޅޭ އުޅުމަށް ނިމުމެއް ގެނެސް، ރިކޯލް ނެގުމުގެ ފުރުސަތު ލިބުމާއި ވޯޓް ދިން މީހުންގެ 50 އިންސައްތަ އާއެކު 1 ވޯޓުން އިންތިހާބުވާ މީހުން ހޮވުން

މި މި ފަދަ ބަދަލު ތަކެއް އަވަސް މުސްތަގުބަލެއްގައި ރާއްޖެ އަށް ނުގެނެވިއްޖެ ނަމަ، ދިވެހިންގެ މިނިވަންކަމާއި އިސްތިގުލާލަށް އޮތް ބޮޑު ނުރައްކަލުގެ ރަނގަބީލުގެ އަޑު މިހާރު ވެސް ރަށު ތެރެއިން އަންނަނީ އިވެމުން ނެވެ. ވޯޓުން ހޮވިގެން ސަރުކާރު ހިންގަން ހަވާލުވާ މީހުން/މީހާ ވޯޓުން ބޭރުކުރުމުގެ ބާރު ރައްޔިތުންނަށް ނުލިބިދާ ކޮންމެ ދުވަހަކީ ގައުމުގެ މުސްތަގުބަލު "ސިޔާސީ ވަގުންގެ" ނުވަތަ "ސިޔާސީ ބިކާރީން"ގެ އަޅުވެތިކަމުގެ ތެރެއަށް ހުށަހެޅިގެންދާ ފަނާކުރުވަނިވި އަމަލަކަށް ނުވާނެ ބާވަ އެވެ.؟

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް