އުމުރުން 63 އަހަރުގެ ހުއާންގް މަގާމުން އިސްތިއުފާ މި ދެއްވީ، ޗައިނާގެ ޖާސޫސީ އިދާރާއަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާއި އެންވީޑިއާގެ އިސް މަގާމެއްގައި ހުރި އެހެން މުވައްޒަފަކާ އެކު ލޯބީގެ ސިއްރު ގުޅުންތަކެއް ބޭއްވި ކަމުގެ މައްސަލަތަކެއް ފެންމަތިވެ، ބޮޑު ފާޑުކިޔުމަކާ ކުރިމަތިވެފައި ވަނިކޮށެވެ.
ހުއާންގް އިސްތިއުފާ ދެއްވުމާ ގުޅިގެން އެންވީޑިއާގެ ވަގުތީ ސީއީއޯއަކަށް އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ކޮލެޓް ކްރެސް ވަނީ އައްޔަންކޮށްފަ އެވެ. އަދި ދާއިމީ ސީއީއޯއަކު ހޯދުމުގެ މަސައްކަތް ބޯޑުން މިހާރު ފަށާފައިވާއިރު، ކުންފުނީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ބޯޑު ޗެއާމަނެއްގެ ގޮތުގައި ހާވޭ ޖޯންސް ވަނީ އައްޔަންކޮށްފަ އެވެ.
އެންވީޑިއާ އުފެއްދުމުގައި 1993 ވަނަ އަހަރު އިސްކޮށް އުޅުއްވި ހުއާންގް މަގާމުން ވަކިވެވަޑައިގަތުމާ ގުޅިގެން އެ ކުންފުނީގެ ބޯޑުން ނެރުނު ބަޔާނެއްގައި، ކުންފުންޏަށް އޭނާ ކޮށްދެއްވި އަގުހުރި ހިދުމަތްތަކަށް ޝުކުރު އަދާކޮށްފައިވެ އެވެ. ނަމަވެސް އެ ބަޔާނުގައި އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ހުއަންގެ ވަކިވުމަކީ ހަމައެކަނި އެންވީޑިއާއަށް އަންނާނެ ބަދަލެއް ނޫނެވެ. މިއީ މުޅި އޭއައި ސިނާއަތަށް ކުރިމަތިވާނެ ބޮޑު ބަދަލެކެވެ. އޭނާއަކީ މި ސިނާއަތުގެ ބައިނަލްއަގުވާމީ މޫނެވެ.
ދާއިމީ ސީއީއޯއެއް އައްޔަންކުރާނެ ވަގުތެއް އެންވީޑިއާއިން އަދި ހާމަކޮށްފައި ނުވާއިރު، މީގެ ސަބަބުން ކުންފުނީގެ މުސްތަގުބަލާއި ކުރިއަށް އޮތް ސްޓްރެޓީޖިކް މިސްރާބާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
ފާއިތުވި 30 އަހަރަށް ވުރެ ގިނަ ދުވަހު އެންވީޑިއާގެ ސީއީއޯގެ މަގާމު ފުރުއްވި ހުއާންގް ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވުމާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ 8 ޕަސެންޓާއި 11 ޕަސެންޓާ ދެމެދުގެ މިންވަރަކަށް ވެއްޓިފަ އެވެ.