އެ މަގާމަށް ނަން ހުށަހެޅުމުގެ މުއްދަތު މި މަހުގެ 13 ވަނަ ދުވަހު ހަމަވިއިރު، ރާއްޖޭގެ އިތުރުން ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ކެންޑިޑޭޓުން ކުރިމަތިލައްވާފަ އެވެ. ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ 10 ގައުމު ހިމެނޭ މި މަގާމަށް ދެން ވާދަކުރައްވަނީ ބޫޓާންގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕް އާއި، ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީ އަދި ސްރީ ލަންކާގެ ހެލްތު މިނިސްޓްރީގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭ އެވެ.
ޑރ. ޖަމްޝީދަކީ ސިއްހީ ދާއިރާ އާއި ބައިނަލްއަގުވާމީ ސިއްހީ ޑިޕްލޮމެސީގައި 30 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އޭނާ މިހާރު ހުންނެވީ ބަންގްލަދޭޝްއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމުގަ އެވެ. އެ މަގާމާ އޭނާ ހަވާލުވެވަޑައިގަތީ ނޮވެމްބަރު 2024 ގަ އެވެ.
ޑަބްލިއުއެޗްއޯގައި ހޭދަކުރެއްވި 12 އަހަރުގެ ތެރޭގައި ޑރ. ޖަމްޝީދު ވަނީ ނޯތު ކޮރެއާގައި ހުންނަވާ މަންދޫބުގެ މަގާމާއި، ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުގެ މަގާމު ފުރުއްވައިފަ އެވެ. މީގެ އިތުރުން ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް އޮފީސް (ސީރޯ) ގެ ރީޖަނަލް އެޑްވައިޒަރެއްގެ ގޮތުގައި ވެސް އޭނާ ވަނީ މަސައްކަތް ކުރައްވައިފަ އެވެ.
ޑަބްލިއުއެޗްއޯގެ މަގާމުތަކާ ހަވާލުވެވަޑައިގަތުމުގެ ކުރިން، 2012 އިން 2013 އަށް ޑރ. ޖަމްޝީދު ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭގެ ކުރިން ސެންޓަ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ޑިރެކްޓަ ޖެނެރަލްގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ އާންމު ސިއްހަތުގެ ނިޒާމު ހަރުދަނާކުރުމަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވި އެވެ.
ޏ. ފުވައްމުލަކަށް އުފަން ޑރ. ޖަމްޝީދު ވަނީ އިންޑިއާގެ އިންދިރާ ގާނދީ ގަވަމަންޓް މެޑިކަލް ކޮލެޖުން އެމްބީބީއެސް ފުރިހަމަކުރައްވައި، އިނގިރޭސިވިލާތުގެ މަޝްހޫރު ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން މާސްޓާ އޮފް ޕަބްލިކް ހެލްތު ހާސިލްކުރައްވައިފަ އެވެ.