ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ހިންގާ ރިވެލި ރެސްޓޯރެންޓުގެ ބިމާ ގުޅޭ ގޮތުން ސޮލާރިސް ހޮސްޕިޓަލިޓީ ޕްރައިވެޓް ލިމިޓެޑާ އެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުން ނިމުމަކަށް ގެނެސް، އެ ބިން އެޗްޑީސީގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން ސިޓީއަކުން އެ ކުންފުންޏަށް އެންގީ މިދިޔަ މަހުގެ ފަހުކޮޅު އެވެ. އެ އެންގުމާ ގުޅިގެން އެޗްޑީސީން އެ ތަން ހުސްކުރަން ވަނުމުން، ސޮލާރިސް އިން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ވަގުތީ އަމުރަކަށް އެދުނެވެ. ފުރަތަމަ އެ އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައެޅުމަށް ފަހު، ފަހުން އެޗްޑީސީގެ އައިރު ހާޒިރުގައި ވަނީ ރިވެލި ރެސްޓޯރެންޓްގެ ހިންގުން ހުއްޓޭނެ އެއްވެސް އަމަލެއް ނުކުރުމަށާއި، އެފަދަ ކަމެއް ކޮށްފައިވާ ނަމަ އިޔާދަކުރުމަށް ވަގުތީ އަމުރެއް ނެރެދީފަ އެވެ.
ނަމަވެސް އެޗްޑީސީން އެ އަމުރު މުރާޖައާ ކޮށްދިނުމަށް އެދުމުން ސިވިލް ކޯޓުން މިއަދު ނިންމީ އެ އަމުރު ބާތިލުކުރުމަށެވެ. ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ދައުވާލިބޭ އެޗްޑީސީގެ އައިރު ހާޒިރުގައި ނެރެފައިވާ އަމުރު ދެމިއޮތުމުން އެ ކޯޕަރޭޝަނަށް ހައްގު ނޫން ބުރައެއް އުފުލަންޖެހޭ ކަމަށެވެ. އަދި މައްސަލައިގެ މައުޒޫއަށް ގޮތެއް ކަނޑައަޅާއިރު އެއްފަރާތަށް ލިބިދާނެ ގެއްލުމަކީ މިހިނދުގައި މިންނުކުރެވޭ ފަދަ ގެއްލުމަކަށް ވެދާނެތީ އެ އަމުރު ދެމެހެއްޓުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ކޯޓުން ބުންޏެވެ.
މީގެއިތުރުން، މި މައްސަލައިގެ ދައުވާ ފޯމާއެކު ފުރަތަމަ އެދުނު ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ނިންމި ފަހުން ހާލަތަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމަށް ވެސް ކޯޓުން ފާހަގަކުރި އެވެ. އެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައި އޮތް ނަމަވެސް އެ ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. ހަމައެއާއެކު، އެއްބަސްވުމާ ހިލާފަށް ނޯޓިސް ދީފައިވާ ކަމަށް ޝަރީއަތަށް ސާބިތުވެއްޖެ ނަމަވެސް، ސޮލާރިސް އަށް ލިބޭ ގެއްލުމަށް މާލީ ގޮތުން ބަދަލު ހޯދޭނެ ފުރިހަމަ ނިޒާމެއް އޮތްކަން ވެސް ސިވިލް ކޯޓުން ފާހަގަކޮށްފައިވެ އެވެ.
އެޗްޑީސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރިވެލި ރެސްޓޯރަންޓް ހިންގާ ކުންފުންޏާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކުރީ ގިނަ ދުވަސްތަކެއް ވަންދެން ކުލި ނުދައްކާތީ، އެއްބަސްވުމުގެ ދަށުން ދޭންޖެހޭ ހުރިހާ ނޯޓިސްތަކާއި އެކަށީގެންވާ ފުރުސަތުތައް ދިނުމަށް ފަހު އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ.
އެ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ކުލީގެ ގޮތުގައި އެޗްޑީސީއަށް މިހާތަނަށް ފަސް މިލިއަނެއްހާ ރުފިޔާ ދައްކަން ޖެހެ އެވެ. އަދި އެއްބަސްވުން ހެދި ފަހުން ކޮންމެ މަހަކު ގަވާއިދުން ކުލި ދައްކާފައި ނުވާ ކަމަށާއި، އެންމެ ފަހުން ވެސް ދައްކާފައިވަނީ ކުލީގެ ކުޑަ މިންވަރެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން އެއްބަސްވުމުގައި ބުނާ އިޖުތިމާއީ ޒިންމާގެ އެއްވެސް ކަމެއް ވެސް އެ ކުންފުނިން ކޮށްފައި ނުވާ ކަމަށް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީއަށް އެކި ފަރާތްތަކުން ގަވާއިދުން ކުލި ނުދައްކާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެކެވެ. އޭގެ ތެރޭގައި ވިޔަފާރި ބިންތަކުގެ އިތުރުން ފްލެޓުތަކުން ދައްކަންޖެހޭ ފައިސާ ވެސް ހިމެނެ އެވެ.