އެޕަލްއިން މައުލޫމާތު ދީފައިވާ ގޮތުގައި، މި މައްސަލަ ދިމާވެފައިވަނީ އެ ކުންފުނީގެ އެންމެ މުހިންމު ބައެއް ހިދުމަތްތަކަށެވެ. އެގޮތުން އައިކްލައުޑް އެކައުންޓަށް ސައިން-އިން ކުރުމާއި، އެޕް ސްޓޯރުގެ ހިދުމަތްތަކުގެ އިތުރުން އެޕަލް މިއުޒިކްގެ ޚިދުމަތަށް ވަނީ ބޮޑެތި ބުރޫތަކެއް އަރައި، ބޭނުންނުކުރެވޭ ގޮތް ވެފައެވެ. މިކަމުގެ ސަބަބުން ގިނަ އަދަދެއްގެ ބޭނުންކުރާ ފަރާތްތަކަށް ވަނީ އެމީހުންގެ އެކައުންޓްތަކަށް ނުވަދެވުމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.
ޓެކްނޮލޮޖީގެ ބޮޑު ކުންފުނި، އެޕަލްއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، މި ފުޅާ ދާއިރާއެއްގައި ދިމާވި މައްސަލައަކީ ބޭރުގެ ސައިބަރ ހަމަލާއެއްގެ ސަބަބުން ދިމާވި ކަމެއް ނޫނެވެ. އޭގެ ބަދަލުގައި މި މައްސަލަ ދިމާވާން މެދުވެރިވީ އެ ކުންފުނީގެ އެތެރޭގެ ސޮފްޓްވެއަރއަށް ގެނެވުނު އަޕްޑޭޓަކާ ގުޅިގެންނެވެ.